މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ، ހުސްވެފައިވާ މަޤާމަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި ފުރުޞަތު ހުޅުވާލައްވާފައި ވަނީ މިއަދުން ފެށިގެން ނޮވެންބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ނިޔަލަށްކަމަށެވެ.
މި މަގާމު ހުސްވެފައިވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި ޒީނާ ޒާހިރު މަގާމުން އިސްތިއުފާ ދިނުމާއިގުޅިގެންނެވެ. ޒީނާ މަގާމުން އިސްތިއުފާ ދީފައިވަނީ މަގާމުގެ ޒިންމާ އަދާ ނުކުރުމާއި، މީޑިއާތަކާ މެދު ތަފާތުކުރުން ގެންގުޅުނު ކަމުގެ ތުހުމަތުގައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ނިންމައިފައިވަނިކޮށްވެ.
ޒީނާ އިސްތިއުފާ ދެއްވި އިރު އޭނާގެ މަގާމުގެ ދައުރު ހަމަވާން ބާކީ އޮތީ ފަސް މަސް ދުވަހެވެ.
ރައީސް އޮފީހުން އިތުރަށް ވިދާޅުވީ މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެކަމަށާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެކަމަށެވެ.



