ހދ. ކުޅުދުއްފުށީގައި މަގުމަތިން ދަނިކޮށް ގައިގައި ދަނޑިބުރިއަކުން ޖަހައި ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ. މި މީހާއަށްވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.
ފުލުހުން ވިދާޅުވީ ރޭ 22:30 ހާއިރު ކުޅުދުއްފުށީގައި މަސައްކަތްކުރާ ބަންގްލަދޭޝް ފިރިހެނެއް މަގުމަތިން ދަނިކޮށް ސައިކަލެއްގައި އެމަގުންދިޔަ ދެ މީހަކު އައިސް އޭނާގެ ގައިގައި ދަނޑިބުރިއަކުން ޖަހައި މާރާމާރީ ހިންގާފައި ވާކަމަށެވެ.
އަދި މި ދެމީހުން ތިބީ ކާކުކަން ނޭނގޭ ގޮތަށް މޫނު ނިވާކޮށްގެން ކަމަށާއި މާރާމާރީ ހިންގައި ޒަހަމް ކޮށްލުމަށްފަހު އެ ބިދޭސީ މީހަގެ ވޮލެޓް ފޭރިގެންފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މާރާމާރީގެ ސަބަބުން އަނިޔާލިބުނު ފަރާތުގެ ވާތު ބުމަ މަތިން 1 އިންޗި ހުންނަވަރުގެ ތަނެއް ފަޅައިގެން ގޮސްފައިވާކަމަށާއި އެމީހާގެ ކަނާއަތަށްވެސް އަނިޔާ ލިބިފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ އަނިޔާ ލިބުނު ފަރާތް ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައި ކަމަށާއި މި މިއްސަލަ މިހާރުދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށެވެ.



