ޖަމާއަތެއްގައި ނަމާދު ކުރުން - ފޮޓޯ: ސަން

ރޯދަ އަށް ގެންނަ ބޭރުގެ ހާފިޒުން ހާއްސަ ހުއްދައެއް ނަގަންޖެހޭ

އަންނަ ރަމަޟާން މަހު އިމާމުވެ ތަރާވީހު ނަމާދު ކުރުމަށް ރާއްޖޭން ބޭރުން ގެންނަ ހާފިޒުން ޚާއްޞަ ހުއްދައެއް ނަގަން ޖެހޭ ގޮތަށް މޯލްޑިވްސް އިމިގްރޭޝަނުން ހަމަޖައްސައިފިއެވެ.

ކޮންޓްރޯލާ އޮފް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިން (ހަނަފީ) ވިދާޅުވީ، ބޭރުގެ ހާފިޒުންނަށް މި ފަހަރު ޖަހައިދޭނީ ވަކި މުއްދަތަކަށް ދޫކުރާ ޚާއްޞަ ވިސާއެއް ކަމަށާއި އެ ވިސާ ހޯދަން އިސްލާމިކް މިނިސްޓްރީގެ ހުއްދައެއް ބޭނުންވާނެ ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، އެ ވިސާ ހޯދަން ފަސް ދުވަސް ކުރިން އެޕްލައި ކުރަން ޖެހޭނެ ކަމަށާއި، ވިސާ ދޫކުރާނީ އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވާ ފަރާތްތަކަށް ކަމަށެވެ.

ޚާއްޞަ ވިސާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
- އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައިގެ ކުލަ ކޮޕީ
- އެ މީހަކީ ހިފްޒުކޮށް، ތަރާވީހު ނަމާދުކުރަން ގެންނަ މީހެއްކަން އެނގޭނެ ސިޓީއެއް
- ރާއްޖެ އަށް އެ ހާފިޒަކު ގެންނަނީ ޖަމިއްޔާއަކުން ނަމަ އެ ޖަމިއްޔާއެއްގެ ރަޖިސްޓަރީގެ ކުލަ ކޮޕީ

ކޮންމެ ރޯދަ މަހަކު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިމާމުވެ ތަރާވީހު ކުރުމަށް ބޭރުގެ ހާފިޒުންނާއި ގާރީން ގެންނަމުން ދާއިރު، ގިނަ ރަށްރަށް ހާފިޒުން ގެންނަނީ އެ ރަށެއްގެ ލޯކަލް ކައުންސިލްތަކާއި އަމިއްލަ ޖަމިއްޔާތައް ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި، ހާފިޒުންނާއި ގާރީން ގެނައުމުގެ އުސޫލު ހަރުކަށި ކޮށްފައި މިވަނީ ރާއްޖޭގައި ދީނީ ހަރުކަށި ފިކުރުތައް ފެތުރުން ހުއްޓުވުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ