އަފްގާނިސްތާން ސަރުކާރުން އެގައުމުގެ ޖަލުތަކުގައި ހައްޔަރުކޮށްފައި ތިބި 100 ތޯލިބާނުން މިއަދު މިނިވަން ކޮށްފިއެވެ.
ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ތަރުޖަމާން ޖާވިދު ފައިސަލް ވިދާޅުވީ، މި 100 ކުށްވެރިން އަފްގާނިސްތާން ސަރުކާރުން މިނިވަން ކޮށްފައިވަނީ އެމީހުންގެ ސިއްހީ ހާލަތަށާއި، އުމުރަށާއި، އަދި ހުކުމުގެ ބާކީ އޮތް މުއްދަތަށް ބެލުމަށްފަހު ގައުމުގައި އަމާންކަން ގާއިމު ކުރުމުގެ ގޮތުން ކަމަށެވެ.
އެމެރިކާއާއި ތޯލިބާނުން އަފްގާނިސްތާނުގައި ކުރަމުންދާ ހަނގުރާމަ ނިންމުމަށް މިއަހަރުގެ ފެބުރުއަރީމަހު ވެފައިވާ އެއްބަސްވުމުގެ ދަށުން އަފްގާނިސްތާނުގެ ޖަލުތަކުގައިވާ ތޯލިބާން ހަނގުރާމަވެރިންގެ ތެރެއިން 5،000 ހަނގުރާމަވެރިން މިނިވަން ކުރަން ޖެހެއެވެ.
އެމެރިކާ އާއި ތޯލިބާނުން ވެފައިވާ އެއްބަސްވުމުގައިވާ ކުށްވެރިން މިނިވަންކުރުމުގެ ކަންތައްތައް އެމަގުން ނުހިނގާނެކަން އަފްގާނިސްތާނުގެ ރައީސް މާކުރިންވެސްވަނީ ވިދާޅުވެފައެވެ. މިގޮތުން އަފްގާނިސްތާނުގެ ރައީސް ވިދާޅުވެފައިވަނީ ތޯލިބާނުން ބޭނުންވާ އަދަދަށް ބޭނުންވާ ކުށްވެރިން މިނިވަން ނުކުރެވޭނެ ކަމަށެވެ.
ތޯލިބާނުން އެދެމުންދަނީ އެމެރިކާއާއެކު ވެފައިވާ އެއްބަސްވުމުގައިވާ އަދަދަށް ކުށްވެރިން މިނިވަންކުރަން ސަރުކާރުން އެއްބަސްނުވާނަމަ ސަރުކާރާއެކު ސުލްހައިގެ ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.



