އަހަރެން ދުވަހުކުވެސް ބަޔާންމިއުނިކަށް ނުކުޅޭނަން: ރުއީސް

ދުވަހުކުވެސް ވާދަވެރި ބަޔާންމިއުނިކަށް ނުކުޅޭނެކަމަށް ޖަރުމަނުގެ ބޮރޯސިއާ ޑޯޓުމުންޑަށް ކުޅެމުން އަންނަ މާކޯ ރުއީސް ބުނެފިއެވެ.

އުމުރުން 30 އަހަރުގެ ރުއީސް ބުނީ ކެރިއަރުގައި އޭނާއަށް ބަޔާންގެ ފަރާތުން އެކިފަހަރު މަތިން ހުށަހެޅުންތައް ލިބިފައިވާކަމަށާއި، އެހެންނަމަވެސް އޭނާއަކީ ޑޯޓުމުންޑަށް ވަފާތެރި ކުޅުންތެރިއަކަށް ވާއިރު ޖަރުމަނުގެ އެހެން ކްލަބަކަށް ނުކުޅެވޭނަކަމަށެވެ.

"އެހެން ކްލަބުތައް ފަދައިން ބަޔާންއިންވެސް ހުށަހެޅުން ލިބުނު. ބަޔާންއަށް އިހުތިރާމްވެސް ކުރަން. ފާއިތުވި އަހަރުތަކުގެ ތެރޭގައި މޮޅު ކުޅުމެއް އެކްލަބުން ދައްކާފައިވޭ. އެހެންނަމަވެސް އަހަރެންގެ ހިތް އަބަދުވެސްވަނީ ޑޯޓުމުންޑާއެކު." ޖަރުމަނުގެ ކުޅިވަރު މަޖައްލާއަކަށް ދިން އިންޓަރވިއުއެއްގައި ރުއީސް ބުންޏެވެ.

ރުއީސް ބުނީ ބުންޑެސްލީގާގައި އޭނާ ކުޅެން ބޭނުންވަނީ ޑޯޓުމުންޑު ޖާޒީގައި އެކަނި ކަމަށާއި، ނޫންނަމަ ކުޅޭނީ އެހެން ޤައުމެއްގެ ކްލަބަކަށް ކަމަށެވެ.

ޑޯޓުމުންޑާއި ރުއީސް ގުޅުނީ 2012 ވަނަ އަހަރުއެވެ. ވޭތުވެދިޔަ 8 ސީޒަން ޑޯޓުމުންޑާއެކު ހޭދަކުރި ރުއީސް އެކްލަބަށް ކުޅެދިން 266 މެޗުން 129 ލަނޑު ޖަހާފައިވެއެވެ. މީގެއިތުރުން 2016-17 ވަނަ އަހަރުގެ ޖަރުމަނު ކަޕްވެސް ޑޯޓުމުންޑާއެކު ރުއީސް ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ