އިންނަމާދޫ ކޯޓުން ދޫކޮށްލި 2 މީހުން އަލުން ހައްޔަރުކޮށްފި

ބިދޭސީ މީހަކަށް އަނިޔާ ކުރި މައްސަލާގައި ރ. އިންނަމާދޫ އިން ހައްޔަރު ކުރި ދެމީހުން އަލުން ހައްޔަރުކޮށްފިއެވެ. އެ ދެމީހުން އަލުން ހައްޔަރު ކޮށްފައި މިވަނީ ފުރަތަމަ އެދެމީހުން ހައްޔަރު ކުރުމުން އިންނަމާދޫ ކޯޓުން އެމީހުން ދޫކޮށްލުމާ ގުޅިގެންނެވެ.

ފުލުހުން ވިދާޅުވެފައިވަނީ އިންނަމާދޫގައި ބިދޭސީއަކާއި މެދު މާރާމާރީ ހިންގި ދެ ފިރިހެނުން ކޯޓުން ދޫކޮށްލި މައްސަލަ 2020 އޭޕްރީލު 08 ވަނަ ދުވަހުގެ ރޭ އިންނަމާދޫ ކޯޓުން ރިވިއު ކުރުމަށްފަހު، ތުހުމަތު ކުރެވޭ ދެ ފިރިހެނުން ހައްޔަރު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ. އަދި މި ދެ މީހުންގެ ބަންދަށް އިންނަމާދޫ ކޯޓުން ވަނީ 7 ދުވަސް ދީފައެވެ.

މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 48 އަހަރުގެ މީހަކާއި، 38 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މާރާމާރީގައި އަނިޔާ ލިބުނު ބިދޭސީ މީހާއަކީ އެރަށުގައި ނަރުދަމާގެ މައްސައްކަތް ކުރަން ގޮސް އުޅުނު މީހެކެވެ. އެ ބިދޭސީ މީހާއާއި މެދު މާރާ މާރީ ހިންގާފައިވަނީ 48 އަހަރުގެ މީހާ ދިރިއުޅޭ ގޭގައި ހުރި ގަސްތަކަކަށް އޭނާ ފެންދޭން ހުއްޓާ، ނަރުދަމާގެ މަސައްކަތް ކުރަން އުޅުނު މީހުން ގެންގުޅުނު މެޝިންތަކަށް ފެންބުރާތީވެ، އެ ބިދޭސީ މީހާ "ބޭބެ ފެންޖަހާއިރު މިތަކެއްޗަށް ފެންއަންނަނީ" އޭ ބުނުމުން އެކަމާއި ހިންހަމަ ނުޖެހިގެންނެވެ.

މި ހާދިސާ ހިންގާފައިވަނީ 2020 އޭޕްރީލު 04 ވަނަ ދުވަހުއެވެ. މި މާރާމާރީގައި ބިދޭސީ މީހާގެ ނޭފަތް ނޭފަތްމަތި ފަޅައިގެން ގޮސް އަދި މުޅި މޫނުމަތި ވަނީ އެއްކޮށް ދުޅަވެފައެވެ. އަނިޔާ ލިބިފައިވަނީ 28 އަހަރުގެ ބަންގްލަދޭޝް މީހަކަށެވެ.

ބިދޭސީ މީހާއަށް އަނިޔާކުރި ދެ މީހުން ހައްޔަރުކޮށް އެމީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް 2020 އޭޕްރީލު 05 ވަނަ ދުވަހު ރ. އިންނަމާދޫ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އެދެމީހުން ދޫކޮށްލާފައެވެ.

ފުލުހުން ވިދާޅުވެފައިވަނީ 2020 އޭޕްރީލު 05 ވަނަ ދުވަހު އެ ދެމީހުން ކޯޓުން ދޫކޮށްލީ ބިދޭސީ މީހާއަށް ލިބިފައިވާ އަނިޔާ ފޮޓޯ ރިޕޯޓްއާއި، ޑޮކްޓަރުގެ ލިޔުމާއި، މަންޒަރުދުއް ފަރާތުގެ ބަޔާންވެސް ކޯޓަށް ހުށައަޅާފައިވަނިކޮށް ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ