ސަރުކާރުގެ މިހާރު ޓާގެޓް ހުރީ ޗެނަލް 13 އަށް ކަމަށާއި އެހެން މީޑިއާތަކަށްވެސް ބިރު ބޮޑު ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 ގެ ބަސްމަގު ރަނގަޅު ކުރުމަށް އެންގުމާއި ގުޅިގެންނެވެ.
ޖަމީލް ވިދާޅުވެފައިވަނީ ބްރޯޑްކޮމް އިން އަޅަންޖެހޭ ފިޔަވަޅު މިއަދު އެންމެ ފުރަތަމަ ބުނެދެނީ އެމްޑީޕީގެ މަޖިލިސް މެންބަރުންކަމަށާއި، އެމްޑީޕީ ފިކުރުގެ ޗެނަލުން މީސްމީހުންގެ އަބުރު ކަތިލިއިރު އެކަން ދިފާޢުކުރި މީހުންގެ ރާގު ބަދަލުވީ ކަމެއް އިޞްލާޙް ކުރާކަށްނޫންކަމަށެވެ.
"ފާޑުކިޔުން ހަޖަމެއް ނުވޭ" ޗެނަލް 13 އަށް ނަސޭހަތް ތެރިވުމުން، އެކަމާއި ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ޖަމީލް ވިދާޅުވެފައިވެއެވެ.
ޖަމީލް އިތުރަށް ވިދާޅުވެފައިވަނީ އާނިޔާގެ ރޭޑިޔޯވެސް މިއަދަކު ނެތްކަމަށާއި މިހާރު ޓާގެޓް ހުރީ ޗެނަލް 13 އަށްކަމަށެވެ. މީގެ އިތުރުން އެހެން މީޑިޔާތަކަށްވެސް ބިރުބޮޑުކަމަށާއި މިއަދު ސާބިތުވަނީ ޕީޕީއެމް ފިކުރު ރަނގަޅުކަން ކަމުގައިވެސް ޖަމީލް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީންގެ ޒަޢާމަތުގައި މީޑިޔާގެ މިނިވަންކަމާ މެދު ޝަކުވާކުރި މީހުންނަށް މި ސަރުކާރުގެ ކޮންމެ ކަމެއް ރަނގަޅުވީ ކީއްވެތޯ؟ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މިހާރު ރާއްޖޭގައި އިއުލާނުކޮށްފައިވާ އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން، ޗެނަލް 13 އިން ގެނެސްދޭ "މަޑިސީލަ" ޕްރޮގްރާމް މެދުކަނޑާލަން އެ ޗެނަލަށް އަންގާފައެވެ.
ބްރޯޑްކޮށް އިން އިއްޔެ ނަސޭހަތްތެރިވެފައިވަނީ މަޑިސީލަ ޕްރޮގްރާމު އޮތް ގަޑީގައި މިހާރު ގެނެސްދެމުން އަންނަ "ހަޖަމް" ޕްރޮގްރާމްގައި މުޖުތަމައުގެ އަދަބު އަހުލާގުގެ މިންގަނޑު ކަމަށް އާންމު ގޮތެއްގައި ގަބޫލުކުރާ މިންގަނޑުތަކާއި އިޖްތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު ބޭނުންކުރަމުން އަންނަ ކަމަށް ވިދާޅުވެއެވެ.