ރޭ އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި އެވެ.
ފުލުހުން ވިދާޅުވީ ރޭ 20:16 އެހާކަށް ހާއިރު އައްޑޫ ސިޓީގެ މަރަދޫ، މުދިންގޭ މަގުން 2 ސައިކަލެއްގައި އައި 4 މީހުން ތޫނު އެއްޗަކުން ހަމަލާދީ ފިރިހެނަކު ޒަހަމްކޮށްލި މައްސަލައެއް ފުލުހުންނަށް ހުށައެޅިފައިވާ ކަމަށެވެ.
މި ހަމަލާގައި ޒަހަމް ކޮށްލާފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއްވައެވެ. މި މީހާގެ ބުރަކަށިން 5 އިންޗި ވަރު ތިލަކޮށް ކަފައިގެން ގޮއްސައި ވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާރު މި މީހާއަށް އައްޑޫ ސިޓީ މަރަދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުން ދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ވިދާޅުވިއެވެ.




