ކޮވިޑް-19 ގެ އަސަރު މުޅިދުނިޔެއަށް ކޮށްފައިވާ މިދަނޑިވަޅަކީ އެކަކު އަނެކަކަށް އެހީތެރިވާންވީ ވަގުތުކަމަށް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.
މިމުހިންމު މެސެޖް ޓްވިޓަރ މެދުވެރިކޮށް ރޮނާލްޑޯ ޙިއްސާކޮށްފައިވާއިރު، އެޕޯސްޓްގައި ދެފޮޓޯއެއް ހިމަނާފައިވެއެވެ. އެއްފޮޓޯގައި ރޮނާލްޑޯ ޕޯޗުގަލް ދިދައިގެ މާސްކެއް އަޅައިގެން ހުންނައިރު، އަނެއް ފޮޓޯގައި ހުންނަނީ އިޓަލީ ދިދައިގެ މާސްކެއް އަޅައިގެންނެވެ.
މިދެފޮޓޯ ޙިއްސާކުރަމުން ރޮނާލްޑޯ ބުނީ، މިއީ މުޅިދުނިޔެއަށްވެސް ދަތި އުނދަގޫ ވަގުތެއްކަމަށާއި، އެންމެ މުހިންމުކަމަކީ އެންމެން އެކަތިގަނޑަކަށްވެ އެކަކު އަނެކަކަށް އެހީތެރިވުންކަމަށެވެ.
"މިކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް އެންމެން އެކުގައި ކުރަމާ ހިނގާ." ރޮނާލްޑޯ ބުންޏެވެ.
In this very difficult moment for our world it is important we unite and support each other. Let’s all do what we can to help. #beyondthemask #nevergiveup pic.twitter.com/SQjkeRlSw8
— Cristiano Ronaldo (@Cristiano) April 10, 2020
ކޮވިޑް-19 އާއި ގުޅިގެން އިޓަލީ ލޮކްޑައުން ކޮށްފައިވަނިކޮށް ރޮނާލްޑޯވަނީ އެޤައުމު ދޫކޮށް އޭނާ އުފަން ޤައުމުކަމަށްވާ ޕޯޗުގަލްއަށް ދަތުރުކޮށްފައެވެ. އަދި އެއަށްފަހު އާޢިލާއާއެކު ހޯމް އައިސޮލޭޓްވިއެވެ.
ރޮނާލްޑޯ ކުޅެމުން އަންނަ އިޓަލީގެ ޔުވެންޓަސްގެ 3 ކުޅުންތެރިއަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. މިވައިހަރަށް އެންމެ ފުރަތަމަ ޕޮޒިޓިވްވީ އިޓަލީގެ ޑިފެންޑަރު ރުގާނީއެވެ. އޭނާ ޕޮޒިޓިވްވީ މާރޗްމަހުގެ ކުރީކޮޅުއެވެ. ދެން ޕޮޒިޓިވްވި މަޓުއިޑީ ޕޮޒިޓިވްވީ މާރޗްމަހުގެ މެދުތެރޭގައެވެ. އެންމެ ފަހުން މާރޗް 21 ގައި ޑިބާލާވެސް ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާވެސްވަނީ ޕޮޒިޓިވްވެފައެވެ.
ކޮވިޑް-19 އަށް މުޅި ދުނިޔެއިން 1697000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، ލައްކައަކަށްވުރެ ގިނަ މީހުންވަނީ މިވައިރަހުގައި މަރުވެފައެވެ.
ކޮވިޑު-19ގެ ނުރައްކާ މި ވަގުތު ޔޫރަޕަށް ބޮޑުވެފައިވާއިރު، އެންމެ ގަދަޔަށް މިވައިރަސް ފެތުރޭ ގައުމުތަކުގެ ތެރޭގައި ސްޕެއިން، އިޓަލީ އަދި ޖަރުމަނީގެ އިތުރުން ފްރާންސްވެސް ހިމެނެއެވެ.



