ފުލުހުން އަތުލައިގަތް މަސްތުވާތަކެތި - ފޮޓޯ: ޕޮލިސް

ރާއްޖެ އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ދިވެހިރާއްޖެއަށް އެތެރެކުރި 150 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އިން އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ، ކަނޑުމަގުން އެތެރެކުރި މި މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ، ކްރިމިނަލް އިންވެސްޓިގޭޝަން ކޮމާންޑާއި، ޑިވިޝަނަލް ޕޮލިސިން ކޮމާންޑް އަދި ޑްރަގް އިންޓެލިގެންސް ޔުނިޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

150 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވަނީ ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައިވަނިކޮށެވެ.

"މި އޮޕަރޭޝަނަކީ ފާއިތުވި 72 ގަޑިއިރު މެދުކެނޑުމެއްނެތި ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި، ފަޅުރަށްތަކުގައި ފުލުހުން ހިންގާފައިވާ އޮޕަރޭޝަނެއް." ފުލުހުން ވިދާޅުވިއެވެ.

މި ޚަބަރު ޕޮލިސް ކޮމިޝަނަރ މުޙައްމަދު ހަމީދު ދެއްވާފައިވަނީ، ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ގދ. ތިނަދޫގައި ބޭއްވި ޑިނާނައިޓްގެ ތެރެއިންނެވެ.

މި އޮޕަރޭޝަނުގެ އިތުރު މަޢުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއީ މިއަހަރު އަތުލައިގެން އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ