މުސްތަޤުބަލާމެދު ގޮތް ނިންމާނީ އެހެންބަޔަކު ނޫންކަމަށާއި ނަމަވެސް އޭނާ އަމިއްލައަށް ކަމަށް ބާސެލޯނާގެ މެދުތެރެއަށް ކުޅެމުން އަންނަ ކޮރޭޝިއާގެ އިވާން ރަކިޓިޗް ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ރަކިޓިޗް ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ހޫނު މޫސުމަށް ހަމަވާނެއެވެ. ރަކިޓޮޗް ހޯދުމަށް ޔޫރަޕުގެ ބައެއް ކްލަބުތަކުން މަސައްކަތްކުރަމުންދާއިރު، އޭނާ ދިއުން އެންމެ ގާތީ ކުރިން ކުޅުނު ސެވިއްޔާއަށްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. ސެވިއްޔާ ދޫކޮށް ބާސެލޯނާއަށް ރަކިޓިޗް ބަދަލުވީ 2014 ވަނަ އަހަރުއެވެ.
"މިހާރުގެ ހާލަތު އަހަންނަށް އިނގޭ. އެކަމު އެމީހަކު ބޭނުން ގޮތެއް ހަދާކަށް އަހަންނަކީ އަލުވި ކޮތަޅެއް ނޫން." ކުޅިވަރު ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ރަކިޓިޗް ބުންޏެވެ.
މީގެއިތުރުން ރަކިޓިޗް ބުނީ، އޭނާ އަބަދުވެސް ބޭނުންވަނީ އިޙްތިރާމާއި ލޯބި ލިބޭ ކްލަބެއްގައި މަޑުކުރަން ކަމަށެވެ. އެގޮތުން ބާސެލޯނާ އޭނާއަށް ވަރަށް ކަމުދާކަމަށާއި ނަމަވެސް އެކްލަބުގައި މަޑުކުރެވެން ނެތްނަމަ މުސްތަޤުބަލާމެދު ގޮތް ނިންމާނީ އޭނާކަމަށް ރަކިޓިޗް ބުންޏެވެ.
މިސީޒަންގައި ރަކިޓިޗަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ އޭނާ ކުޅޭ ޕޮޒިޝަނަށް ކުޅޭ ކުޅުންތެރިން ގިނަވެ، ބާސެލޯނާގެ ފުރަތަމަ 11 އިން ފުރުޞަތު ގެއްލުމެވެ. ޑިޔޮން، ބުސްކެޓްސް، އާތޫރް، ވިޑާލް އަދި ރިކުއިގެ އިތުރުން ރޮބާޓޯއަކީވެސް ރަކިޓިޗްކުޅޭ ޕޮޒިޝަނަށް ފިޓް ކުޅުންތެރިންނެވެ.
ރަކިޓިޗް ބާސެލޯނާއަށް މިހާތަނަށް 298 މެޗު ކުޅެދީފައިވާއިރު، އޭނާވަނީ ބާސެލޯނާއާއެކު ހަތަރު ލަލީގާ އަދި ހަތަރު ކޮޕަޑެލްރޭގެ އިތުރުން 1 ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.




