ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މެދުކަނޑާލައިފި އެވެ.
މޯލްޑިވިއަން އިން ދެންމެ ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން މާލެސިޓީ “ލޮކްޑައުން” ޙާލަތަށް ގެނެސްފައިވާތީ އެޗް.ޕީ.އޭއިން ވަކި ގޮތަކަށް އަންގަންދެން އެތެރޭގެ އުދުހުންތައް މި ވަގުތަށް މެދުކަނޑާލާފައިވާ ވާހަކަ ހުރިހާ ކަސްޓަމަރުންގެ މަޢުލޫމާތައްޓަކައި ދަންނަވާ ކަމަށެވެ.
މޯލްޑިވިއަން އިން ރާއްޖޭގެ ބައެއް އެއާޕޯޓު ތަކަށް ދަތުރުތައް ކުރުމުން ދިޔަނަމަވެސް މިވަގުތަށް މިދަތުރުތައް މިވަނީ މެދު ކަނޑާލައިފައެވެ.
މޯލްޑިވިއަންގެ ގިނަ ފްލައިޓް ތަކެއް މިދުވަސްވަރާއި ދިމާކޮށް އުޅެނީވެސް ވަރަށް ބާރު ބޮޑުކޮށެވެ. އެގޮތުން ރިސޯޓު ތަކުން ދަތުރު ކުރައްވާ ފަރާތްތަކަށް މިކަމުގެ ސަބަބުން އިތުރު ދަތިތަކާއި ކުރިމަތިވެގެން ދާނެ އެވެ. އެއީ ގިނަ ރިސޯޓު ތައް ބަންދު ކުރުމާއި ގުޅިގެން މުވައްޒަފުން ރަށަށް ދިއުމަށް މިދުވަސްވަރު ދަނީ އެހެން އެއާލައިން ތަކުންވެސް ޗާޓަރު ފްލައިޓްތައް ބާއްވަމުން ނެވެ.
ކޮވިޑް-19 އަށް މާލެއިން ދިވެއްސަކު ފައްސިވުމާއި ގުޅިގެން މާލޭ ސަރަޙައްދު ވަނީ މިއަދު 14:30 އިން ފެށިގެން 24 ގަޑިއިރަށް ލޮކްޑައުން ކޮށްފައެވެ.




