ބާސެލޯނާގެ ކޯޗުކަމަކީ ނުވާނެކަމެއް ނޫން: ޒަވީ

ސްޕެއިންގެ ގަދަބާރެއްކަމަށްވާ ކްލަބު ބާސެލޯނާގެ ކޯޗުކަމަކީ ނުވާނެކަމެއް ނޫންކަމަށް އެކްލަބަށް ކުރިން ޒަވީ ހެނަންޑޭޒް ބުނެފިއެވެ.

ޔޫޓިއުބަރ ޑީޖޭމާރިއޯ ކުރި ސުވާލުތަކަކަށް ޖަވާބުދެމުން ޒަވީ ބުނީ، ކޯޗެއްގެ ގޮތުގައި އޭނާ މިހާރު މަސައްކަތްކޮށްފިންކަމަށާއި، ބާސެލޯނާއަށް ކޯޗުކަން ކޮށްދިނުމަކީ އޭނާއަށް ވާނޭ ކަމެއްކަމަށެވެ. އަދި އެއީ އޭނާ ދެކެމުން އަންނަ ހުވަފެނެއްކަމަށްވެސް ޒަވީ ބުންޏެވެ.

މީގެއިތުރުން ޒަވީ ބުނީ، ބާސެލޯނާގެ ކޯޗުގެ މަޤާމަކީ ބޮޑު މަސްޢޫލިއްޔަތެއްކަމަށާއި، ކުރިއަށް ލޯ ހުޅުވި އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭނެކަމަށެވެ.

ބާސެލޯނާގެ ހުށަހެޅުމެއް މީގެކުރިންވެސް ޒަވީއަށް ލިބިފައިވާއިރު، އެފަހަރު އޭނާ ބާސެލޯނާއަށް ނޫނެކޭ ބުނީ އޭނާ އޭރު ހޭދަކުރަމުންދަނީ ކޯޗިން ކެރިއަރުގެ ވަރަށް ކުރީކޮޅުކަމަށް ބުނެއެވެ.

އުމުރުން 39 އަހަރުގެ ޒަވީ މިހާރު ކޯޗުކޮށްދެމުންދަނީ ގަތަރުގެ އަލް ސާދުއަށެވެ. އެކްލަބާއެކު އޭނާ ހަދާފައިވާ އެއްބަސްވުން 2021 ޖޫން އާއި ހަމައަށް ހަމަވާނެއެވެ.

ބާސެލޯނާގެ އެކަޑަމީއާ 1991 ވަނަ އަހަރު ގުޅުނު ޒަވީ ސީނިއާ ކެރިއަރު އެ ކްލަބުން ފެށީ 1998 ގައެވެ. އަދި ބާސެލޯނާއާއެކު ސްޕެނިޝް ލީގު 8 ފަހަރު، ޗެމްޕިއަންސް ލީގު ހަތަރު ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވާއިރު، ޒަވީ ބާސެލޯނާ ދޫކޮށްލާފައިވަނީ 2015 ވަނަ އަހަރުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ