މާލެއާއި ހުޅުލެ އަދި ހުޅުމާޅެ ގުޅުވައިދޭ، ސިނަމާލޭ ބުރިޖާއި ހައިވޭގައި ކެމެރާ ހަރުކުރުމުގެ ތައްޔާރީތައް ފެށުމަށްޓަކައި ކެމެރާ އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބާ ކޭބަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.
މިއަދު ފުލުހުން ވަނީ ކެމެރާތަށް އޮޕަރޭޓް ކުރުމަށް ބޭނުންވާ ފައިބާ ކޭބަލް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، ބީލަން ހުށަހެޅުމަށް ހުޅުވާލާފައެވެ. އަދި ބީލަމުގައި ބައިވެރިވުމަށް ފުލުހުންގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ އަންނަ މަހު ހަތަރު ވަނަ ދުވަހުގެ ހަވީރު 4:00 އެވެ.
ބްރިޖާއި ހައިވޭގައި ފައިބާ ކޭބަލް އަޅައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ ޕްރީބިޑް މީޓިންގ އަންނަ މަހު ފަސް ވަނަ ދުވަހު އިސްކަންދަރު ބިލްޑިން ގައި ހެނދުނު 11:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، ބީލަން ހުޅުވުން އޮންނާނީ އަންނަ މަހު ނުވަ ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްކަންދަރު ބިލްޑިންގ ގައެވެ.
މިދިޔަ ޖެނުއަރީ މަސް ތެރޭ ފުލުހުން ވަނީ ބުރިޖާއި ހަވޭގައި ހަރުކުރުމަށް ބޭނުންވާ 77 ސަވެޔަލެންސް ކެމަރާ ހޯދަން އިއުލާން ކޮށްފައެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައި ސިނަމާލެ ބުރިޖު އާންމުނަށް ހުޅުވާލުމާއެކު ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބުރިޖުގައި ދުއްވާއިރު ހެލްމެޓް އެޅުމަށް ވަނީ މަޖުބޫރުކޮށްފައެވެ.
ހައިވޭއާއި ސިނަމާލެ ބުރިޖަކީ މާލެ ސަރަހައްދުގެ ތަރައްޤީއަށް ހުޅުވުނު ފަހި ދޮރެއްގެ ގޮތުގައި ގިނަ ދިވެހި ރައްޔިތުން ޤަބޫލުކުރެއެވެ.