ބޭލް އަދި ބެންޒެމާ - ފޮޓޯ: ފޮކްސް ސްޕޯޓްސް

ލަލީގާ – ރެއަލްމެޑްރިޑްގެ ހަޔާތުގައި ނަތީޖާ އެންމެދަށް ސީޒަނަށް މިސީޒަން ވެދާނެތަ؟

މިސީޒަންވެފައި މިއޮތީ ރެއަލްމެޑްރިޑަށް ވަރަށް ނާކާމިޔާބު ސީޒަންއަކަށެވެ. ހުސްއަތާ ސީޒަން ނިންމާލަން ޖެހިފައިއޮތްއިރު ރެއަލްމެޑްރިޑްގެ ސަޕޯޓަރުން ބޭނުންވާނީ ވީހާވެސް އަވަހަކަށް މިސީޒަންމަތިން ހަނދާން ނައްތާލާށެވެ.

މިސީޒަންގައި ރެއަލްމެޑްރިޑް ސަޕޯޓަރުންނަށް އޮތް ހަމައެކަނި އުފާވެރި ޚަބަރަކީ ރެއަލްމެޑްރިޑަށް ޖައްސަ ޖައްސައިގެން 3 ޗެމްޕިއަންސް ލީގު ހޯދަދިން ކޯޗު ޒިދާން އަލުން ރެއަލްމެޑްރިޑްގެ ކޯޗުކަމާ ޙަވާލުން އެކަންޏެވެ.

ލީގުގައި ވާދަވެރި ބާސާއާ ބައްދަލުކުރި ދެމެޗުންވެސް ރެއަލްމެރިޑްވަނީ ބަލިވެފައެވެ. ކޮޕަޑެލްރޭއިން ކެޓީ ސެމީގައި ބާސާއާ ބައްދަލުކޮށް ބަލިވެގެންނެވެ. ސެމީގައި ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު އަނެއް މެޗުން ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

ލީގުގައި ބާކީ 3 މެޗު އޮތްއިރު ރެއަލްމެޑްރިޑް އޮތީ ލީގު ޗެމްޕިއަން ބާސާއަށްވުރެ 18 ޕޮއިންޓް ފަހަތުގައެވެ. އަދި މިތަފާތުގައި އޮވެ ލީގު ނިމިއްޖެނަމަ ތާވަލުގެ އެއްވަނަ ޓީމާއި މިހާ ފަރަގު ބޮޑުކޮށް ރެއަލްމެޑްރިޑް ނިންމާލާ ފުރަތަމަ ސީޒަންއަށް މިސީޒަންވެގެން ދާނެއެވެ. އަދި ބާކީ އޮތް 3 މެޗުގެ ނަތީޖާއިން މިފަރަގު މިއަށްވުރެ ވެސް ބޮޑުވުން ގާތެވެ.

ރެއަލްމެޑްރިޑް ލީގުގެ ބާކީއޮތް 3 މެޗުގައި ބައްދަލުކުރާނީ ވިލަރެއާލް، ރެއަލް ބެޓިސް އަދި ރެއަލް ސޮސޮޑޭޑްއާއެވެ.

ރެއަލްމެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗެއްގެ ތެރެއިން - ފޮޓޯ: ރެޑް ޗީތާ ނިއުސް

ރެއަލްމެޑްރިޑާއި ވާދަވެރި ބާސާއާއި ޕޮއިންޓްގެ ގޮތުން 17 ޕޮއިންޓްގެ ފަރަގަކުން މީގެ ކުރިން ސީޒަންއެއްވަނީ ނިމިފައެވެ. އެއީ 2017/18 ގެ ސީޒަންއެވެ. އަދި 1995/96 ގެ ސީޒަންގެ ޗެމްޕިއަން އެތުލެޓިކޯއަށްވުރެ 17 ޕޮއިންޓް ފަހަތުގައި އޮވެ ރެއަލްމެޑްރިޑްވަނީ އެސީޒަން ނިންމާލާފައެވެ. 1984/85 ގެ ސީޒަންވެސް ރެއަލްމެޑްރިޑް ނިންމާލާފައިވަނީ އެސީޒަންގެ ޗެމްޕިއަން ބާސާއާ 17 ޕޮއިންޓް ފަހަތުގައި އޮވެއެވެ. އެސީޒަންގެ ތަފާތު މުބާރާތްތަކުގައި ކުޅުނު 19 މެޗަކުން ރެއަލްމެރިޑްވަނީ ބަލިވެފައެވެ.

ރެއަލްމެޑްރިޑާއި ލީގު ތާވަލުގެ އެއްވަނައާއި އެންމެ ބޮޑު ފަރަގެއް ރެކޯޑު ކުރެވިފައިވަނީ 1995/96 ގެ ސީޒަންގައެވެ. އެސީޒަންގައި 33 މެޗު ކުޅެވުނުއިރު ރެއަލްމެރިޑްއޮތީ ތާވަލުގެ އެއްވަނާގައި އޮތް ޓީމަށްވުރެ 21 ޕޮއިންޓް ފަހަތުގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް