މާލެ މަގުމަތި - ފޮޓޯ: ޕީއެސްއެމް

ދެން މަގުމަތީގައި އުޅޭ އެންމެންނަށް ފިޔަވަޅު އަޅާނަން: ފުލުހުން

ދެން މަގުމަތީގައި އުޅޭ އެންމެންނަށް ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، މިރޭގެ 08:30 އިން ފެށިގެން މަގުމަތީގައި އުޅޭ އެންމެންނަށް ދޭތެރޭ ފިޔަވަޅު އަޅާނެކަމަށެވެ. އެހެންކަމުން ބޭރަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ފުލުހުންވަނީ އެދިފައެވެ.

އަދި ކޮމިއުނިޓީ ސްޕްރެޑް ހުއްޓުވުމަށް ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން މިދަދަނޑިވަޅުގައި ބޭނުންވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މާލެއިން ކޮވިޑް-19 ޖެހިފައިވާ ފަރާތްތަކެއް ފެނުމާއި ގުޅިގެން މާލެ ލޮކްޑައުންގެ ޙާލަތަށް ގެނެސްފައިވާއިރު، 2020 އެޕްރީލް 17 ވަނަ ދުވަހުގެ ހަވީރު 18:00 އިން ފެށިގެން، މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ) ފިޔަވައި، ރާއްޖޭގެ ހުރިހައި ރަށެއްގައި، ވަކި ގޮތެއް އަންގަންދެން ޝަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމަށް ސަރުކާރުންވަނީ އަންގާފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް މިހާތަނަށް 28 މީހުން ޕޮޒިޓިވްވެފައިވާއިރު، ވެރިރަށް މާލެއިން 8 މީހެއްގެ ގައިން މިވައިރަހުގެ އަސަރުވަނީ ފެނިފައެވެ.

މާލެއިން އެންމެ ފުރަތަމަ ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައިވަނީ މީގެ ދެ ދުވަސް ކުރިން މިމަހުގެ 15 ވަނަ ދުވަހުއެވެ. މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 8 ކަށް އަރާފައިމިވަނީ، މާލެ ފުރަބަންދުކޮށް (ލޮކްޑައުންކޮށް) ބަލި ޖެހުނު މީހާއާއި ކޮންޓެކްޓްވި ފަރާތްތައް ދެނެގަނެ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ