ސީކުއީން ބޯޓުގައި އައި ހަނިމާދޫ މީހަކު އެކަހެރިކޮށްފި

މާލެއާއި ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ ސީކުއީން ބޯޓުން މިދިޔަ ހޮނިހިރު ދުވަހު މާލެއިން އައި މީހަކު ހަނިމާދޫގައި އެކަހެރިކޮށްފިއެވެ.

މައުލޫމާތު ލިބޭގޮތުގައި ސީކުއީން ބޯޓުން ހޮނިހިރުދުވަހު އައި މީހާ އެކަހެރި ކޮށްފައިވަނީ އެމީހާގެ ކިބައިގައި ރޯގާގެ އަލާމާތްތަކެއް ހުރުމުގެ ސަބަބުންނެވެ.

ހަނިމާދޫ ކައުންސިލް މެންބަރު ޙަސަން ސަލީމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ، ސީކުއީން ބޯޓުން މާލެ އައި ފަރާތް ރޯގާގެ އަލާމަތްތަކެއް ހުރެގެން އެކަހެރިކޮށްފައިވަނީ ކައުންސިލްގެ ފަރާތުން ހަމަޖައްސައިފައިވާ ވަކި އިމާރާތެއްގައި ކަމަށެވެ.

މީގެއިތުރުން މިމީހާއާއި ގުޅުންހުރި ދެގެޔަކަށް މީހުން ވަދެ ނިކުތުންވެސްވަނީ ވަގުތީގޮތުން މަނާކޮށްފައި ކަމަށް ޙަސަން ސަލީމް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވެއެވެ.

ހަނިމާދޫ ސިއްހީ މަރުކަޒުގެ ފަރާތުން ވިދާޅުވެފައިވަނީ، މިމީހާ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ރެޑީކޮށްފައިވާ ކަމަށާއި އެޗްޕީއޭއިން މިމީހާ ޓެސްޓުކުރާނެކަމަށްވެސް ވިދާޅުވެފައިވާ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ކޮވިޑް-19 ޖެހިފައިވާ މީހަކުވަނީ ފެނިފައެވެ. އަދި މިހާތަނަށް އައި އިރު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ އަދަދުވަނީ އަށަކަށް އަރައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ