ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް ފަށައިފި

ހދ. ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

އެމްޓީސީސީ އިން ވިދާޅުވެފައިވަނީ އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީޕީއޭ) މިމަހު އެޕްރޫމް ވެފައިވާކަމަށާއި، އީޕީއޭ އެޕްރޫވް ވުމާގުޅިގެން މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ހަނިމާދޫ ބަނދަރުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެގޮތުން ހަނިމާދޫ ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގައި 53،522 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމަށް ހަމަޖެހިފައިވާއިރު، ނެރު ފުންކުރުމަށް 31،575 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި 355 މީޓަރުގެ ބޮޑު ހިލަ ބޭރު ތޮއްޓަކާއި، 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި 2،583 ސްކެއަރ މީޓަރުގެ ޕޭވްމަންޓެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން މި ބަނދަރުގައި 10 މޫރިންގ ބްލޮކްސްއާއި، 90 މީޓަރު ގްރޯއިންއާއި، 2 ނެރު ބައްތިއާއި، 20 ބަނދަރު ބައްތި ޖެހުމުގެ އިތުރުން ބަނދަރުގައި ރޭމްޕް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީއާއި ދެމެދު މި މަޝްރޫޢުގައި ސޮއި ކުރެވިފައިވަނީ 2019 ސެޕްޓެންބަރު 24 ގައެވެ. 425 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލު ކުރެވުނު މި މަޝްރޫޢުގެ ޖުމްލަ އަގަކީ 57،124،555.27 ރުފިޔާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ