ފޮޓޯ: ޓްވިޓާ

28 އިންޑިއާ ސިފައިން ހަނިމާދޫގައި ހޯމް ކަރަންޓީނު ވެއްޖެ

28 އިންޑިއާ ސިފައިން ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނު ވެއްޖެއެވެ.

ހަނިމާދޫގެ ކައުންސިލްގެ ރައީސް ޢަބްދުއްސަލާމް ޢަލީ މިނޫހަށް ވިދާޅުވީ، ދެފަހަރެއްގެ މަތިން އިންޑިއާގެ ޖުމްލަ 28 ސިފައިންގެ މީހަކު އައިސް އެރަށުގައި ހޯމް ކަރަންޓީނު ވެފައިވާކަމަށެވެ. އެގޮތުން ފުރަތަމަ އައީ އިންޑިއާގެ 19 ސިފައިންކަމަށާއި، އެމީހުން މިމަހުގެ 27 ވަނަ ދުވަހު ހަނިމާދޫއަށް އައިސްފައިވާއިރު، ހޯމް ކަރަންޓީނު ވެފައިވަނީ އެރަށުގެ ބައެއް ގެތަކާއި، ގެސްޓްހައުސް ހިމެނޭހެން  5 ތަނެއްގައިކަމަށްވެސް ޢަބްދުއްސަލާމް ވިދާޅުވިއެވެ.

އަދި އިންޑިއާގެ ސިފައިން ހަނިމާދޫގައި ހޯމް ކަރަންޓީނުވެފައިވަނީ އެރަށު ކައުންސިލަށް އެކަން އެންގުމަށްފަހުގައިކަމަށާއި، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް، އެ ސިފައިން އައުމުގެ ކުރިން ހަމަޖައްސަންޖެހޭ ހުރިހާ ކަމެއް ހަމަޖައްސާފައިވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި 19 ސިފައިން ހަނިމާދޫއަށް އައިސްފައިވަނީ ގެޓިވް ކޮވިޑް ޓެސްޓް ތަކުގެ ހާޑު ކޮޕީ ކައުންސިލަށް ފޮނުވާފައިކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އެރަށުގައި ހޯމް ކަރަންޓީނުވި އިންޑިއާގެ އިތުރު 9 ސިފައިންނަކީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓުގައި ހަނިމާދޫއަށް އައިސްފައިވާ ސިފައިންގެ މީހުންނެވެ. އަދި އެ މީހުން މަޑުކޮށްފައި ވަނީ ހަނިމާދޫ އެއާޕޯޓު ސަރަޙައްދުގައި ހުންނަ ކުއްޔަށްދޭ ކޮޓަރިތަކެއްގައި ކަމަށްވެސް ޢަބްދުއްސަލާމް ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދިން ޑޯނިއަރ މަތިންދާބޯޓު ހަނިމާދޫއަށް ޖައްސާފައިވަނީ މިއަދުއެވެ. މިއީ 2016 ވަނަ އަހަރުން ފެށިގެން އިންޑިއާއިން ދިވެހިރާއްޖެއަށް ހޯދުމަށް މަސައްކަތްކުރެވެމުންދިޔަ މަތިންދާބޯޓެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވެފައި ވަނީ މިމަތިންދާބޯޓު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ބެލުމުގެ ދަށުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމަށާއި، ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަންކުރާ ފަރާތްތައް މޮނިޓަރކުރުމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭނުންކޮށްގެން ކުރެވޭ ޑްރަގްސްއާއި މަނާ އެހެނިހެން ތަކެތީގެ ވިޔަފާރިއާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް ކަމަށެވެ. އަދި ކަނޑުމަތީގައި ޙާލުގައި ޖެހޭ ފަރާތްތައް ހޯދުމަށާއި، އެއްތަނުން އަނެއްތަނަށް ބަލިމީހުން އުފުލުމަށާއި އަދި އެހެނިހެން އިންސާނީ އެހީ ފޯރުކޮށްދިނުމަށްވެސް މި މަތިންދާ ބޯޓު ބޭނުން ކުރަން ހަމަޖެހިފައިވާ ކަމުގައި އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

އިންޑިއާ އިން ރާއްޖެއަށް ދިނުމަށް ހަމަޖެހިފައިވާ ޑޯނިއަރ މަތިންދާބޯޓު ރާއްޖެ އަތުވެއްޖެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ