އެނބުރި ލިޔޯންއަށް ދާނަން: ބެންޒެމާ

ކުރީގެ ކްލަބު ލިޔޯންއަށް ކޮންމެވެސް ދުވަހަކުން ދާނަންކަމަށް ރެއަލްމެޑްރިޑަށް ކުލެމުން އަންނަ ފްރާންސްގެ ތަރި ކަރިމް ބެންޒެމާ ބުނެފިއެވެ.

ފްރާންސްގެ ޤައުމީ ޓީމަށް ކުރިން ކުޅުނު ބެންޒެމާ އުފަންވީ އެގައުމުގެ ސިޓީއެއްކަމަށްވާ ލިޔޯންއަށެވެ. އަދި އެސިޓީގެ ކްލަބެއްކަމަށްވާ އޮލިމްޕިކް ލިޔޯންއާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފެއްޓިއިރު ބެންޒެމާގެ އުމުރަކީ އެންމެ 10 އަހަރެވެ.

2005 ވަނަ އަހަރު ލިޔޯންގެ ބޮޑު ޓީމަށް ކުޅެންފެށި ބެންޒެމާ އެކްލަބަށް 150 މެޗު ކުޅެދީފައިވާއިރު، އެކްލަބާއެކު ޖެހި ޖެހިގެން ހަތަރު އަހަރުވަނީ ފްރެންޗް ލީގު ކާމިޔާބުކޮށްފައެވެ.

އުމުރުން 32 އަހަރުގެ ބެންޒެމާ ބުނީ، ލިޔޯންއަށް ހިތުގައި އަބަދުވެސް ޚާއްސަ މަޤާމެއް ދެވިފައިވާކަމަށާއި، ކޮންމެވެސް ދުވަހަކުން އެނބުރި އެކްލަބަށް އަންނާނަން ކަމަށެވެ. އެއީ ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ އެނޫންވެސް ޙައިޞިއްޔަތަކުންކަމަށްވެސް ވެދާނެކަމަށް ބެންޒެމާ ބުންޏެވެ.

ލިޔޯން ދޫކޮށް ރެއަލްމެޑްރިޑާއި ބެންޒެމާ ގުޅުނީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން އެކްލަބުގައި ހޭދަކުރަމުން އަންނަ ބެންޒެމާ ރެއަލްމެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއްވަނީ ހޯދާފައެވެ. އެގޮތުން ޒިދާންގެ އިރުޝާދުގެ ދަށުން ރެއަލްމެޑްރިޑުން ޖެހިޖެހިގެން ކާމިޔާބުކުރި ތިން ޗެމްޕިއަންސް ލީގު ފާހަގަކޮށްލެއެވެ.

3 ފަހަރެއްގެ މަތިން ފްރާންސްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ބެންޒެމާއަކީ ރެއަލްމެޑްރިޑާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނަނީ 2022 ވަނަ އަހަރުގެ ޖޫން 30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ