އާއިލާއަށް ފޮރުވައިގެން ރާއްޖޭގެ ރަށެއްގައި ދެ ކުދިން ގެންގުޅުނު 29 އަހަރުގެ މީހާގެ ބަންދަށް ކޯޓުން 10 ދުވަސް ޖަހައިފިއެވެ.
އެ ދެ ކުދިން ހޯދާ ފެމެލީ އެންޑް ޗިލްޑްރެން ސާވިސަސްގެ ބެލުމުގެ ދަށަށް ގެނެސް، އެ މީހާ ފުލުހުން ބަންދުކޮށްފައިވަނީ، ފެމެލީ އެންޑް ޗިލްޑްރަން ސާވިސަސްއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން އެ ސަރަހައްދުގެ ފުލުހުން، ކޯޓު އަމުރެއްގެ ދަށުން ރަށެއްގައި ދެކުދިން ފޮރުވައިގެން ގެންގުޅޭ ގެއަށް އިއްޔެ ރޭ 2:55 އެއްހާއިރު ވަދެ ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
ފުލުހުން ރޭ ވިދާޅުވެފައިވަނީ، އެމައްސަލައިގައި ހައްޔަރު ކުރެވުނު މީހާގެ ގެ ބަލާ ފާސްކުރި އިރު، މަސްތުވާތަކެތި ބަންދުކުރަން ގެންގުޅޭ ކަމަށް ބެލެވޭ ސާމާނުތަކަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ކަރުދާސް ކޮޅަކެއްގެ އިތުރުން ކުދި ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.
އެ މީހާ ފޮރުވައިގެން ގެންގުޅުނު ދެ ކުދިން މިހާރު ތިބީ ފެމަލީ އެންޑް ޗިލްޑްރެން ސާވިސްގެ ބެލުމުގެ ދަށުގައެވެ. އެ ކުދިން ފޮރުވައިގެން ގެންގުޅުނީ ކޮން ރަށެއްގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.