ޕޯޗުގަލް ރޮނާލްޑޯއަށްވުރެ ބްރެޒިލް ރޮނާލްޑޯ މޮޅު: ވިއެރީ

ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށްވުރެ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ ނަޒާރިއޯ މޮޅުކަމަށް އިޓަލީގެ ޤައުމީޓީމަށް ކުޅުނު ކްރިސްޓިއަން ވިއެރީ ބުނެފިއެވެ.

އެއްނަމަކުން މަޝްހޫރުވެފައިވާ މިދެކުޅުންތެރިންނަކީވެސް (ރޮނާލްޑޯ) ލަނޑު ޖެހުމުގައި އަރާ ހުރި މޮޅު ދެކުޅުންތެރިންނެވެ. ކޮންމެ ވަގުތެއްގައިވެސް އިދިކޮޅު ޓީމުތައް މާޔޫސްކޮށްލާނެ މޮޅު ހުނަރު މިދެކުޅުންތެރިންނަށް ލިބިފައިވީނަމަވެސް މިދެކުޅުންތެރިންގެ ދެމެދު އަޅާކިއުން ވަރަށް މަދެވެ.

ބްރެޒިލްގެ ރޮނާލްޑޯގެ ކެރިއަރަށް ހިޔަނި އެޅިގެން އައީ އޭނާގެ ކަކުލަށް ލިބުނި ބޮޑު އަނިޔާއަކާއި ގުޅިގެންނެވެ. އެހެންނަމަވެސް އޭނާވަނީ 2 ބެލޮންޑިއޯ ކާމިޔާބުކޮށްފައެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ 5 ބެލޮންޑިއޯއެއް ކާމިޔާބުކޮށްފައިވާއިރު، 6 ބެލޮންޑިއޯއާއެކު ލިސްޓްގެ އެންމެކުރީގައި އުޅެނީ ރޮނާލްޑޯ އާއި އަޅާކިޔަމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއެވެ.

އެހެންނަމަވެސް ޑެއިލީމެއިލްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ވިއެރީ ބުނީ، ޕޯޗުގަލް ރޮނާލްޑޯއަށްވުރެ ބްރެޒިލް ރޮނާލްޑޯ މޮޅުކަމަށެވެ. ބްރެޒިލްގެ ރޮނާލްޑޯއަކީ ހުރިހާ ކަމެއް ފުރިހަމަވެގެންވާ ކުޅުންތެރިއެއްކަމަށާއި، އޭނާއަކީ ވަރުގަދަ އަވަސް ކުޅުންތެރިއެއްކަމަށްވެސް ވިއެރީ ބުންޏެވެ.

" ބްރެޒިލްގެ ރޮނާލްޑޯ ބޯޅައާއެކު ޑާންސް ކުރާހެންވެސް ބައެއްފަހަރު ހީވޭ." ވިއެރީ ބުންޏެވެ.

މީގެއިތުރުން ވިއެރީ ބުނީ، ޕޯޗުގަލްގެ ރޮނާލްޑޯއަކީ މެޝިނެއްކަމަށާއި، އޭނާގެ ބުރަ މަސައްކަތް ބަލައިގަންނައިރު، އުމުރުން 40 އަހަރު ވަންދެން ހާސްކަމެއްނެތި ޕޯޗުގަލްގެ ރޮނާލްޑޯއަށް ފުޓްބޯޅަ ކުޅެވޭނެކަމަށްވެސް ވިއެރީ ބުންޏެވެ.

ކެރިއަރުގެ ބޮޑުގައި އިޓަލީގައި ހޭދަކުރި ވިއެރީ އެންމެ ގިނަ ދުވަސް ހޭދަކޮށްފައިވަނީ އިންޓަރ މިލާންގައެވެ. 1999 ން 2005 އަކަށް ވިއެރީ އިންޓަރ މިލާންގައި ހޭދަކޮށްފައިވާއިރު، އޭނާވަނީ އެކްލަބަށް 2020 ލަނޑު ކާމިޔާބުކޮށްދީފައެވެ. ވިއެރީވެސް ފާހަގަކުރެވިފައިވަނީ ދެ ރޮނާލްޑޯއެކޭ އެއްފަދައިން ގޯލާ ރައްޓެހި ކުޅުންތެރިއެއްގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ