މާލޭ ސިޓީގައި މަގުމަތިވެފައިވާ 80 އަށްވުރެ ގިނަ ފަރާތް ޖެންޑަރ މިނިސްޓްރީ އާއި ހަވާލުކޮށްފިއެވެ.
ޖެންޑަރ މިނިސްޓްރީ އިން މިއަދު ބުނެފައިވަނީ މާލޭގައި މަގުމަތިވެފައިވާ 80 އަށް ވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ޖެންޑަރ މިނިސްޓްރީއާ ޙަވާލުކުރުމާ ގުޅިގެން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެ ފަރާތްތަކަށް ކެއިން ބުއިމާއި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުން ގެންދާ ކަމަށެވެ.
މީގެ އިތުރުން މާލެ ފުރަބަންދުކުރުމާ ގުޅިގެން އެކި ބޭނުންތަކަށް މާލެ އައިސް، ހާލުގައި ޖެހިފައިވާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީއަށް ރިޕޯޓު ކުރެވިފައިވާ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމުތައް ފޯރުކޮށްދެމުން ގެންދާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.
އަދި މާލެ ސިޓީ ކައުންސިލްއަށް ހުށަހެޅިފައިވާ މި ފަދަ 400 އަށް ވުރެ ގިނަ ފަރާތްތަކަށް ބަޔާންކުރެވުނު އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ޓަކައި މާލޭ ސިޓީ ކައުންސިލާއެކު ޖެންޑަރ މިނިސްޓްރީން މިހާރު ވިލަރެސްކުރަމުން ދާކަމަށާއި މި ފަދަ އެހީތެރިކަމެއް ބޭނުންވާ އިތުރު ފަރާތެއްގެ މަޢުލޫމާތު ލިބިލައްވާއިފައި ވާނަމަ ލަސްނުކުރައްވައި ޖެންޑަރ މިނިސްޓްރީގެ ނަންބަރު 3328393 އާ ގުޅުއްވައި އެކަން ޙިއްޞާކުރެއްވުމަށް ޖެންޑަރ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
މާލޭ މަގުތަކުގައި ސަލާން ޖަހަން މީހުން އުޅޭ ކަމުގެ ސަކުވާ އަކީ އަބަދުވެސް ކުރަމުންދާ ސަކުވާ އެކެވެ.



