މިއީ މުސްލިމުންގެ އަޚުވަންތަކަން ދަމަހައްޓަންޖެހޭ ވަގުތުކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިހެން ވިދާޅުވެފައިވަނީ، ކޮވިޑް-19 އާއިއެކު ދިމާވެފައިވާ އިގްތިސާދީ ހާލަތާއި ގުޅިގެން މާލޭގައި ކުއްޔަށް އުޅޭ ފަރާތްތަކަށް ކުލި ނުދެއްކި އެފަރާތްތައް ގެއިން ބޭރުކުރަމުންދާ ކަމުގެ ވާހަކަތައް އާންމުވަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުލި ނުދެއްކޭ މީހުން ގެއިން ނުނެރި އިޙުސާންތެރިވާ މީހަކަށް މާތްﷲ ގެ ތަނަވަސް ރަޙުމަތްވާކަމަށެވެ. އަދި މިވަގުތަކީ މުސްލިމުންގެ އަޚުވަންތަކަށް ދަމަހައްޓަން ޖެހޭ ވަގުތުކަމަށާއި ﷲ އަށްޓަކައި އެކަކު އަނެކަކަށް އެހީމުވަށްވެސް ޝަހީމްވަނީ ގޮވާލާފައެވެ.
"ހަމަކަށަވަރުން ﷲ ގެ ރަޙުމަތްވަނީ އިޙުސާންތެރިންނާއެކުގައެވެ." ޝަހީމްގެ ޓްވީޓުގައި ވެއެވެ.
Kuli nudhekkey Meehun gein nuneri ihusaantherivaa meehakah Maai Allah ge thanavas Rahumai ve eve. "Hamakashavarun Allah ge Rahumai vanee ihusaantherinaa ekuga eve". Mi vaguthaki Muslimun ge Akhuvanthakah dhamahattan jehey vagutheve. Allah ah attakai ekaku anekakah eheevaasheve.
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 21, 2020
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ލިބޭނެ މަގު ބަންދުވެ ގިނަ ބަޔަކު ވަނީ ގޮތް ހުސްވެފައިވާއިރު، މާލޭގައި ބޮޑު ކުލީގައި ދިރިއުޅޭ ފަރާތްތައް ކުލި ނުދެއްކޭ ހިސާބަށް ވަނީ ކަންކަން ގޮސް އެކަމުގެ ސަބަބުން ގޭގެ ވެރިން އެމީހުން ގޭން ނެރޭ ކަމުގެ ޝަކުވާތައް ބޮޑުވެގެން އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެމިލީ ލީގަލް ކްލިނިކުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ސިޓީއެއްވެސްވަނީ ފޮނުވާފައެވެ.
އެސިޓީގައި ކުލި ނުދެއްކުނު ކަމުގައި ވިޔަސް ގެއިން ނުނެރެވޭނެ ގޮތަކަށް ވަގުތީ ޤާނޫނެއް ހަދައިދިނުމަށް އެދިފައިވާއިރު، މިކަމުގެ ސަބަބުން ގިނަ އާއިލާތަކެއް ހާލުގައި ޖެހި ކޮވިޑް-19 އިތުރަށް މުޖުތަމައުގައި ފެތުރިގެން ހިގައިދާނެ ކަމުގެ ބިރު އެބައޮތްކަމަށްވެސް މިސިޓީގައި ފާހަގަކޮށްފައިވެއެވެ.
އަނެއްކޮޅުން މާލޭ ސިޓީގައި މަގުމަތިވެފައިވާ 80 އަށްވުރެ ގިނަ ފަރާތް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ޖެންޑަރ މިނިސްޓްރީއާއި މިއަދުވަނީ ޙަވާލުކޮށްފައެވެ.