ކޮވިޑް-19 އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑް ސްކީމްތަކެއް ކުރިއަށްދާކަމަށާއި، އެކަމާއި ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުން ޢިލްތިމާސްކޮށްފިއެވެ.
ދުނިޔޭގައި ޙަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބިރުވެރިކަމާއެކު ވެރިރަށް މާލެ ފުރަބަންދަކަށް ގޮސްފައިވާއިރު، ގިނަ މުޢާމަލާތްތައް މިހާރު ކުރެވެމުންދަނީ އޮންލައިންކޮށެވެ. އަދި ގެއަށް ބޭނުންވާ ގިނަ އެއްޗެހި މިލިބެނީ ޑެލިވަރީ ޚިދުމަތް ބޭނުންކޮށްގެންނެވެ.
އެހެންނަމަވެސް މިފަދަ ނާޒުކު ވަގުތެއްގައިވެސް ބައެއް ފަރާތްތަކުން އެކަމުގެ ނާޖާއިޒް ފައިދާނަގަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ. އެހެންކަމުން އޮންލައިންކޮށް އެއްޗެހި ގަތުމުގެ ކުރިން ސަމާލުކަން ދޭންވީ ކަންތައްތަކެއް ފުލުހުން މިވަނީ އާންމުންނާއި ޙިއްސާކޮށްފައެވެ.
އެގޮތުން ފުލުހުން ވިދާޅުވީ، އޮންލައިންކޮށް ވިޔަފާރި ކުރާއިރު، ވިއްކާފަރާތަކީ ސައްޚަ ފަރާތެއްތޯ ވެރިފައިކުރުމަށާއި، އޮންލައިން ރިވިއުތައް ބަލާ ނެގެޓިވް ރިވިއު ލިބޭ ސައިޓްތައް ބޭނުން ނުކުރުމުގެ އިތުރުން ކުންފުނި ހުރި ޤައުމތައް ނޫން އެހެން ޤައުމެއްގައި ހުރި ބޭންކް އެކައުންޓަކަށް ޓްރާންސެކްޝަން ހަދަން ބުނާނަމަ ޕޭމަންޓް ނުހެދުމަށެވެ.
އަދި ފްރޯޑް ވިކްޓަމްއަކަށް ޤަބޫލުކުރެވޭނަމަ، ވީއެންމެ އަވަހަކަށް ބޭންކަށް އެކަން އަންގާ އެޓްރާންސެކްޝަން ހުއްޓުވަން މަސައްކަތްކުރުމަށާއި، މެޑިކަލް އިކުއިޕްމެންޓްތައް ފޯރުކޮށްދޭކަމަށްބުނެ އީ-މެއިލްގެ ޛަރްޢިއްޔާއިން މީހުންގެ ޒާތީ މަޢުލޫމާތުތައް އެދޭނަމަ އެ އީ-މެއިލްތަކަށް އިޖާބަ ނުދިނުމަށްވެސް ފުލުހުންވަނީ އެދިފައެވެ.
މީގެއިތުރުން ގޮތްނޭނގޭ މީހުންނާއި އެކައުންޓްތަކުން ފޮނުވާފައި ހުންނަ ލިންކްތަކާއި އެޓޭޗްމަންޓްތައް ނުހުޅުވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކޮށްފައެވެ.
#ސަމާލުވޭ! ކޮވިޑް19- އާ ގުޅުވައިގެން ފައިނޭންޝަލް ފްރޯޑް ސްކީމްތަކެއް އެބަ ކުރިއަށްދޭ! #Samaaluvey#COVID19Maldives #StayHomeStaySafe pic.twitter.com/D0WliUzW6x
— Maldives Police (@PoliceMv) April 22, 2020




