1441 ވަނަ އަހަރުގެ މާތްވެންވާ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހުކުރު ދުވަސް ކަމަށް ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މުލަ ރޯދަ ދުވަހަކީ މީލާދީ ސަނަތުން އެޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސް ކަމަށް ކަނޑައަޅައި، އެކަން އިއުލާން ކުރައްވާފައިވަނީ ދާދި ދެންމެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އިސްލާމް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީއެވެ.
ދިވެހިރާއްޖެއިން މިގޮތަށް ކަނޑައަޅާފައިވަނީ ރަމަޟާން މަހުގެ ހަނދު މިރޭ ފެނިފައި ނުވާތީއާއި، މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިތުބާރުހިފޭ ފަލަކީ ހިސާބުން ނުދައްކާތީއެވެ.
"ޚިޖުރީ ސަނަތުން 1441 ވަނަ އަހަރުގެ ޝައުބާން މަހުގެ 29، މީލާދީ ސަނަތުން 2020 އެޕްރީލް މަހުގެ 22 ވާ ބުދަ ދުވަހުގެ އިރު އޮއްސޭއިރު ދިވެހިރާއްޖޭގެ އެއްވެސް ހިސާބަކަށް އަދި އިސްލާމީ އެއްވެސް ޤައުމަކަށްވެސް 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިނުވާކަން އިތުބާރުހުރި ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، މިއަދުގެ އިރު އޮއްސުމަށްފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ޤައުމަކަށްވެސް މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފެނުނުކަމުގެ އިތުބާރުހުރި މަޢުލޫމާތު ލިބިފައި ނުވާތީ، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެމަތިން، މާދަމާ މީލާދީ ސަަނަތުން 2020 ވަނަ އަހަރުގެ އެޕްރީލް މަހުން 23 ވާ ބުރާސްފަތި ދުވަހަކީ މިހިނގާ 1441 ވަނަ އަހަރުގެ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމުގައްޔާއި، 1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މިހިނގާ އެޕްރީލް މަހުގެ 24 ވާ ހުކުރު ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ." އިސްލާމިކް މިނިސްޓައު އިއުލާން ކުރެއްވި ނިންމެވުމުގައި ވިދާޅުވެފައިވެއެވެ.
ބަރަކާތްތެރި ރަމަޟާން މަސް މިއަހަރު ދުނިޔެއާއި ބައްދަލުކުރީ މުޅި ދުނިޔެ ކޮވިޑް-19 ގެ ނުރައްކަލުގެ ތެރޭގައި ވަނިކޮށެވެ. ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ފަރުޟު ނަމާދު ކުރުމާއި ހުކުރު ނަމާދުގެ އިތުރުން ތަރާވީހް ނަމާދު ކުރުންވެސް ވަނީ މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފައެވެ.
ކޮވިޑް-19 ގެ ނުރައްކަލުގެ ދަނޑިވަޅުގައި ބަރަކާތުން ފުރިގެންވާ ރަމަޟާން މަސް މުސްލިމުންނާ ބައްދަލުކުރާއިރު، ގޭގައި ފަރުޟު ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީހް ނަމާދުވެސް ގޭަގައި ކުރުމަށް އިސްލާމިކް މިނިސްޓަރ ވަނީ އެންމެހާ ދިވެހިންނަށް އިލްތިމާސް ކުރައްވާފައެވެ.
"ފެށުން" ގެ އެންމެހާ ކިޔުންތެރިންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަޙްނިޔާ އަރިސްކުރަމެވެ.