މެސީ އަދި ސުއަރޭޒް - ފޮޓޯ: އައި ނިއުސްޕޭޕާ

ޔޫސީއެލް – މެސީ ކްލަބް ލެވެލްގައި ޖެހި 600 ލަނޑު، ކުޓީނިއޯއާ ދިމާކުރުމުން މެސީގެ ހިތްހަމަ ނުޖެހުން

ޗެމްޕިއަންސް ލީގުގައި ރޭ ބާސެލޯނާ އަދި ލިވަޕޫލް ބައްދަލުކުރި މެޗު ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

3-0 ގެނަތީޖާއަކުން ބާސެލޯނާ މޮޅުވި މިމެޗުގައި ބާސާއިން ޖެހި ތިން ލަނޑުގެ ތެރެއިން 2 ލަނޑު ޖަހައިދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މިދެލަނޑާއެކު މެސީ ކެރިއަރުގައި ކްލަބަށް ޖަހައިދިން ލަނޑު 600 އަށް އެރީއެވެ.

ވާދަވަވެރި ރޮނާލްޑޯވެސް އޭނާ ކެރިއަރުގައި ކްލަބަށް ޖަހައިދިން 600 ވަނަ ލަނޑުވަނީ ހަމަކޮށްފައެވެ. ހަފްތާ ބަންދުގައި އިންޓަކޮޅަށް ޖެހި ލަނޑާއެކު ރޮނާލްޑޯ މިއަދަދު ހަމަކުރިއިރު މެސީ ރޮނާލްޑޯއާއި އަރާހަމަކޮށްފައިވަނީ ރޮނާލްޑޯއަށްވުރެ 100 އަށްވުރެގިނަ މެޗު މަދުން ކުޅެގެންނެވެ.

ބާސެލޯނާގެ އަނެއް ލަނޑު އެޓީމަށް ޖަހައިދިނީ ލުއިސް ސުއަރޭޒްއެވެ. ސުއަރޭޒް ލަނޑުފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެސީގެ ދެލަނޑުވެސް ދެވަނަ ހާފުގައި ފެނުނުއިރު ފުރަތަމަ ލަނޑު ޖަހާފައިވަނީ ސުއަރޭޒް ފޮނުވާލި ބޯޅަ ލިވަޕޫލް ގޯލް ދަނޑީގައި ޖެހިފައި ނިކުތް ވަގުތި އެބޯޅަ މެއަށް ކޮންޓްރޯލް ކޮށްލުމަށްފަހު ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ. އަދި ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމަކުން ލިވަޕޫލްގެ ގޯލްގެ ކަނާތު މަތީކަނަށް ވައްދާލީ 25 ޔާޑަށްވުރެ ދުރުގައިހުރެފައެވެ.

މެޗުގައި ލިވަޕޫލްގެ ފަރާތުން މޮޅުކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް ލިބުނު ފުރުޞަތުތައް ގޯލްތެރެއަށް ނިންމާނުލެވުނީއެވެ. ބާސެލޯނާއަތުގައި އޮންނަ ބޯލް ޕޮސެސަންވެސް ރޭ ވަނީ ގެއްލިފައެވެ. ލިވަޕޫލްގެ ގިނަ ހަމަލާތަކެއް ބާސާގެ ކީޕަރު ސްޓޭގަން ދިފާޢުކުރިއިރު ލިވަޕޫލަށް ލަނޑުޖަހަށް ލިބުނު އެންމެ ހުސް ފުރުޞަތުގައި ސަލާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑިއާއެވެ.

މެސީ ކްލަބް ލެވެލްގައިޖެހި 600 ވަނަ ލަނޑަށްފަހު އުފާފާޅުކުރަނީ - ފޮޓޯ: ދަ ސްޕޯޓްސް ރަޝް

މެޗުގެ ފަހު ވަގުތު ކޮޅުގައި ބާސެލޯނާއަށްވަނީ އިތުރު ލަނޑެއްޖެހުމަށް ރަނުގެ ފުރުޞަތެއް ލިބިފައެވެ. ކައުންޓާ އެޓޭކެއްގައި ޑެމްބެލޭއަށް ލިބުނު މިބޯޅަ ފޮނުވާލީ ސީދާ ކީޕަރު އެލިސަންއަތަށެވެ.

ރޭގެ މެޗުން މޮޅުވިނަމަވެސް މެޗުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ކުޓީނިއޯއާއި ދިމާކޮށްފައިވާތީ މެސީވަނީ އެކަމާ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ދެވަނަ ހާފުގައި ކުޓީނިއޯވަނީ ބަދަލުކޮށްފައެވެ. އެންފީލްޑްގައި ކުޅެވޭ މިމެޗުގެ ދެވަނަ ލެގުގައި އެންމެން އެއްބައިވުމަށް މެސީ އެދެއެވެ.

ކުޓީނިއޯގެ ފަރާތުން ބާސެލޯނާގައި މާއެދެވޭ ކުޅުމެއް ފެނިގެން ނުދާއިރު ކުޓީނީއޯ ބާސެލޯނާ ދޫކޮށްލާއުޅޭކަމުގެ އަޑުތައްވެސްވަނީ އެތަފަހަރަކު ފެތުރިފައެވެ. ކުޓީނިއޯ ބާސެލޯނާއަށް ކުޅެދިން 74 މެޗުން 21 ލަނޑު ޖަހާފައިވެއެވެ.

" މިއީ މީހުންނާ ދިމާކުރަންވީ ވަގުތެއް ނޫން. މެޗުގައި ކުޓީނިއޯއާއި ދިމާކުރި ދިމާކުރުން ވަރަށް ހަޑި. އޭގެ ބަދަލުގައި އަހަރެމެން އެކަތިގަނޑަކަށްވާންޖެހޭ " މެސީ ބުންޏެވެ.

މިނަތީޖާއަކީ ރަނގަޅު ނަތީޖާއެއްކަމަށާއި އެކަމު ހަތަރު ލަނޑު ޖެހުނުނަމަ މިއަށްވުރެ ރަނގަޅުވީސްކަމަށް މެސީވަނީ ބުނެފައެވެ. މިމެޗު އަދި ނުނިމޭކަމަށާއި ދެވަނަ ލެގު ކުޅެންޖެހޭނީ ތާރީޚީ ދަނޑެއްގައިކަމަށް މެސީވަނީ ބުނެފައެވެ.

އެންފީލްޑްގައި ކުޅޭ ދެ ވަނަ ލެގު އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ