މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުން ބްލަޑް ސަރވިސްއަށް ލޭ ހަދިޔާކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުން އިސްނަގައިގެން މިފަދަ ޙަރަކާތެއް ކުރިއަށް ގެންގޮސްފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ލޭ ގެ ސްޓޮކް ދަށްވެ، ތެލަސީމިޔާ ހުންނަ ފަރާތްތަކަށް ލޭ ލިބުން ވަރަށް ބޮޑަށް ދަތިވެފައެވެ.
ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ވައިރަހާއެކު ލޭ ހަދިޔާ ކުރާ މީހުން މަދުވެފައިވާއިރު ދާދިފަހުންވެސް އެމްބީއެސްއިން ލޭ ހަދިޔާ ކޮށްދިނުމަށް ތިން ފަހަރެއްގެ މަތިން އެދިފައިވެއެވެ. އެއާއެކު ގިނަ ބަޔަކު ވަނީ ލޭ ހަދިޔާކޮށްފައެވެ.
އެންމެފަހުން ލޭ ހަދިޔާކޮށްދިނުމަށް އެމްބީއެސްއިން މީގެ ތިންދުވަސްކުރިން އާންމުންގެ ކިބައިން އެދެމުން ވިދާޅުވީ، އެންމެ އާއްމުކޮށް އަޅަން ޖެހޭ ލޭ ގުރޫޕްތައް ކަމަށްވާ އޯ ޕޮޒިޓިވް އާއި ބީ ޕޮޒިޓިވްގެ އެއް ދުވަހަށް ބޭނުންވާ ވަރަށް ވެސް ލޭ ނެތް ކަމަށާއި، އަދި އެ ނޫން ގުރޫޕުތަކުގެ ލޭ ވެސް ހުރީ ވަރަށް މަދުން ކަމަށެވެ.
ދިވެހިރާއްޖެ ފުރަބަންދުކުރުމާ އެކު ލޭ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާތީ، މާފުށީ ޖަލުގައި މަސައްކަތް ކުރާ އޮފިސަރުންނާއި މުވައްޒަފުން މޯލްޑިވިއަން ބްލަޑް ސަރވިސްއަށް ލޭ ހަދިޔާކުރުން. pic.twitter.com/krqaiTGBxo
— Corrections Mv (@Corrections_Mv) April 23, 2020
މުޅި ރާއްޖޭގައި ޖުމްލަ 635 ތެލެސީމިޔާ ޕޭޝަންޓުން ތިބިއިރު، އޭގެތެރެއިން 300 އެއްހާ ކުދިން ފަރުވާ ހޯދަމުން ދަނީ މޯލްޑިވިއަން ބްލަޑް ސާރވިސްއިންނެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއިން ވިދާޅުވީ އެސަރވިސްއިން ފަރުވާ ހޯދަމުން އަންނަ ކުދިންނަށް ހަފްތާއެއްގެ މައްޗަށް ގާތްގަނޑަކަށް 160 ޔުނިޓްގެ ލޭ ބޭނުންވާކަމަށެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރިސޯޓްތަކާއި އެހެނިހެން ކުންފުނިތަކުން ހިންގަމުން އައި ބްލަޑް ކޭޕްތައް ހުއްޓުމަކަށް އައުމާ އެކު ލޭ ލިބެނީ ވަރަށް މަދުންނެވެ.




