މާލޭގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު މިނިވަންކޮށްފިއެވެ.
ބިދޭސީއަކު ރަހީނުކޮށްފައިވާ ހުރިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 02:36 ހާއިރު މާލެ ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށްކަމަށްވެއެވެ. ރަހީނުކޮށްފައިވާ ބިދޭސީ މީހާ ރޭ ދަށްވަރު ފުލުހުން ސަލާމަތްކުރިއިރު މައްސަލައިގައި ތުޙުމަތު ކުރެވޭ އެކަކުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މާލޭ ނިކަގަސް މަގުގައި ހުންނަ ގޯޅިގަނޑެއްގެ ތެރޭގައި ރަހީނުކޮށްފައިހުރި ބިދޭސީ މީހަކީ އުމުރުން 29 އަހަރުގެ މީހެއްކަމަށް ފުލުހުން ބުނެއެވެ.
އެކަމުގައި ހަތް ދިވެހިން ޝާމިލްވާ ކަމަށް ބެލެވޭއިރު، ރަހީނުކުރި މީހާއަށް އަނިޔާކޮށް އޭނާގެ އަތުގައި އޮތް ދެ ފޯނާއި، ކަރުގަ އަޅާ ފަށާއި، ތަޅުދަނޑި ފައްޗެއް ވަނީ ފޭރިގަނެފަ އެވެ.
އޭނާ މިނިވަން ކުރާނީ 40،000 ރުފިޔާ ދިނުމުން ކަމަށް ބުނެ ރަހީނުކުރި މީހުން ވަނީ އޭނާގެ ރައްޓެއްސަކަށް ގުޅާފަ އެވެ. ތުހުމަތު ކުރެވޭ އެކަކު ހައްޔަރު ކުރީ ފައިސާއާ ހަވާލުވާން އައި ވަގުތުގަ އެވެ.
ފައިސާއާއި ޙަވާލުވާންއައި އުމުރުން 42 އަހަރުގެ ބަގްލަދޭޝް ފިރިހެންމާހާ ހައްޔަރުކޮށްފައިވަނީ ކެންގަރޫ ކިޑްސް ސްކޫލް ކައިރިންކަމަށް ފުލުހުން ބުނެއެވެ.
ރަހީނުކޮށްފައި ހުރި މީހާ ހުރިތަން ހައްޔަރުކުރި މީހާގެ ފަރާތުން ހޯދުމަށް ފަހު އެތަނަށް ދިޔަ ވަގުތު އެތަނުގައި ތިބި ތުހުމަތު ކުރެވޭ އިތުރު މީހުންތަކެއް ފިލާފައިވާ ކަމަށްވެސް ފުލުހުންބުނެއެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.