މޯލްޑިވިއަން އިން އަތޮޅުތަކުގެ އެއަރޕޯޓްތަކަށް ބާއްވަން ނިންމި ކާގޯ ފްލައިޓްތަކުގައި، ކަރަންޓީން ފެސިލިޓީތަކުގައި ހޭދަކުރަންޖެހޭ މުއްދަތު ފުރިހަމަވުމުން ދޫކޮށްލާ މީހުން ވެސް ގެންދާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ކޮވިޑް-19 ޓާސްކްފޯސްގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ މޯލްޑިވިއަން އިން އަތޮޅުތަކަށް މުދާ ގެންދިއުމަށް ބާއްވާ ފްލައިޓްތަކުގައި ކަރަންޓީންގެ މަރުހަލާ ފުރިހަމަކޮށް ދޫކޮށްލާ މީހުންގެ ތެރެއިން އަމިއްލަ އަތޮޅަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
މޯލްޑިވިއަން އިން އަތޮޅުތަކަށް ކާގޯ ދަތުރުތަކެއް ކުރުމަށް ނިންމާފައިވަނީ ރަށްރަށް ބޭނުންވާ މުދާ ގެންދިއުމުގައި ހުރި ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން ކަމަށް މަބްރޫކް ވިދާޅުވިއެވެ. މިއީ ކައުންސިލް ތަކުން އެލްޖީއޭ އާއި ހިއްސާކޮށްފައިވާ މަޢުލޫމާތާއި އެއްގޮތަށް ގެންދާ މުދާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
މާލޭ ސަރަހައްދު ލޮކްޑައުން ކުރުމާއި ގުޅިގެން ރަށް ރަށައް މުދާ އުފުލުމުގައި ދަތިތަކާއި ވަނީ ކުރިމަތި ވެފައެވެ. ނަމަވެސް މާލޭ ނޯތު ހާބަރަށް މުދާ ބަލައި ހުއްދަ ހޯދައިގެން ބޯޓުތަކަށް ކައިރި ކުރުމުގެ ހުއްދަ ސަރުކާރުން ވަނީ ދޭން ފަށައިފައެވެ. ނަމަވެސް އެއްވެސް މީހަކަށް މާލެ ނޭރޭނެ ކަމަށާއި ބަނަދަރުން މުދާ އަރުވައިގެން ޖެހޭނީ ރަށަށް ފުރަން ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
މިހާރުވެސް މޯލްޑިވިއަން އިން ދަނީ ޓްރެވެންޑްރަމް، ކޮޗިން އަދި ބެންކޮކް ފަދަ ބައެއް ސިޓީ ތަކުން ކާގޯ ފްލައިޓްތައް ބާއްވައި މުދާ ގެންނަމުންނެވެ.



