ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން އިއްޔެ 12 މީހަކު ހައްޔަރުކޮށް 191 މީހަކު ވަނީ ޖޫރިމަނާކޮށްފައެވެ.
ފުލުހުން ހާމަކޮށްފައިވާ އިއްޔެގެ ތަފާސް ހިސާބަށް ބަލާލާއިރު މާލެއިން 161 މީހަކު ޖޫރިމަނާ ކޮށްފައިވާއިރު ހުޅުމާލެ އިން 29 މީހަކު އަދި ވިލިމާލެ އިން އެކަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އަދި އިއްޔެ ހައްޔަރުކުރި 12 މީހުންގެ ތެރެއިން 11 މީހުން މާލެއިން ހައްޔަރުކުރިއިރު އެކަކު ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ އިންނެވެ.
މާލެ ލޮކްޑައުން ކުރިފަހުން މިހާތަނަށް މާލޭ ސަރަހައްދުން ލޮކްޑައުންގެ އަމުރާ ހިލާފުވެގެން ޖުމްލަ 819 މީހަކު ވަނީ ޖޫރިމަނާ ކޮށްފައެވެ. އެއީ މާލެއިން 704 މީހުން، ހުޅުމާލެ އިން 82 މީހުން އަދި ވިލިމާލެ އިން 33 މީހުން ނެވެ. މިހާތަނަށް ލޮކްޑައުންގެ އަމުރާއި ހިލާފުވެގެން ޖުމްލަ 61 މީހަކު ހައްޔަރު ކޮށްފައިވާއިރު އޭގެތެރެއިން 58 މީހަކު ހައްޔަރުކޮށްފައިވަނީ މާލެއިންނެވެ. 3 މީހަކު ހައްޔަރުކޮށްފައިވަނީ ހުޅުމާލެ އިންނެވެ.
އިއްޔެ މާލެއިން ވަނީ ވަނީ ޑެލިވަރީ ކުރުމުގެ ހުއްދަ 92 ފަރާތަކަށް ދޫކޮށްފައެވެ. އެހެން ކަމުން މިހާތަނަށް ޑެލިވަރީ ކުރުމުގެ ހުއްދަ މާލެއިން ވަނީ 3890 ފަރާތަކަށް ދޫކޮށްފަ އެވެ. ހުޅުމާލެއިން ޑެލިވަރީ ކުރުމުގެ ހުއްދަ އިއްޔެ 51 ފަރާތަކަށް ދޫކޮށްފައިވާއިރު ވިލިމާލެ އިން ވަނީ އިއްޔެ 4 ފަރާތަކަށް ހުއްދަ ދޫކޮށްފައެވެ. ހުޅުމާލެއިން މިހާތަނަށް 540 ފަރާތަކަށް ޑެލިވަރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވާއިރު ވިލިމާލެއިން 70 ފަރާތަކަށް ވަނީ ހުއްދަ ދޫކޮށްފައެވެ.
އިއްޔެ އަކީ މިހާތަނަށް ރާއްޖެއިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދުވަހެވެ. އިއްޔެ 73 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ފެނުނު ކޭސްތަކުގެ ޖުމްލަ އަދަދު މިހާރުވަނީ 214 އަށް އަރައިފައެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ މާލެ އިންނެވެ.
އޭޕްރީލް 15 ވަނަ ދުވަހު މާލެ އިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވެ ވުމާއި ގުޅިގެން މާލެ ސަރަހައްދު ވަނީ 24 ގަޑި އިރަށް ލޮކްޑައުން ކޮށްފައެވެ. އަދި އޭގެ ފަހުން އެ މުއްދަތު އިތުރު 24 ގަޑި އިރަށް އިތުރުކޮށް މިހާރު ވަނީ 14 ދުވަހުގެ މުއްދަތަށް މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައެވެ.
މި މުއްދަތުގެ ތެރޭގައި އެއްގަމު ދަތުރު ކުރުމާއި، ބޭރަށް ނިކުމެ އުޅުން ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި ވައިގެ ދަތުރުތައް މެދުކަނޑާލައިފައިވާއިރު، ކަނޑުމަގުންވެސް މާލެ ސަރަހައްދަށް ދިއުން ވަނީ މަނާކޮށްފައެވެ. ނަމަވެސް ވަކި ޙުއްދައެ ލިބިގެން މުދާ ބަލައި މާލެ ސަރަހައްދަށް ދިއުމުގެ ހުއްދަ ސަރުކާރުން ދީފައިވެއެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން އަޅާފައިމިވާ ފިޔަވަޅު ތަކާއި ޚިލާފުވާ ފަރާތްތަކާމެދު ފިޔަޅު އަޅާނެކަން ފުލުހުން ވަނީ ހާމަކުރައްވާފައެވެ.




