މުޙައްމަދު ޖަމީލް މިސްކިތު އެތެރެ - ފޮޓޯ: މިހާރު

މުޙައްމަދު ޖަމީލް މިސްކިތް ހުޅުވައިފި

އަމިއްލަ ފަރާތަކުން އަލުން އިމާރާތްކުރި މުހައްމަދު ޖަމީލް މިސްކިތް (ފައި ފުހޭ މިސްކިތް) މިއަދު ހުޅުވައިފި އެވެ.

މާފަންނު ލައިނޫފަރު މަގުގައި ހުރި ކުޑަ މި މިސްކިތް މިއަދު ހުޅުވާފައި ވަނީ ހަތަރު ބުރިއަށް ހަދައި 1،300 މީހުންގެ ޖާގަ އޮންނަ ގޮތަށެވެ. މިމިސްކިތް އަލުން ޢިމާރާތް ކުރަންފަށާފައިވަނީ 2017 ވަނައަރުއެވެ.

މިއަދުގެ އަޞުރު ނަމާދަށް މި މިސްކިތް ހުޅުއްވައިދެއްވީ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރެވެ. އިސްލާމިކް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުން ވެސް ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.

ހުރިހާ ފްލޯއެގައި ވެސް މާބުލް ޖަހައި، ޒީނަތްތެރިކޮށްފައިވާ މިމިސްކިތް ނިސްބަތްވަނީ ރާއްޖޭގެ ދީނީ އިލްމުވެރިޔާ އަދި އަދީބު މުހައްމަދު ޖަމީލްދީދީގެ ނަންފުޅަށެވެ. މިމިސްކިތުގައި ނަމާދު ކުރާ ޖާގައިގެ އިތުރުން ދީނީ ނަސޭހަތް ދިނުމާއި ގުރުއާން ކިޔަވައި ދިނުން ފަދަ ކަންކަމަށް ހާއްސަ މަލްޓިޕާޕާސް ހޯލެއް ވެސް ހުރެ އެވެ.

މިސްކިތް ނިސްބަތްވާ ޖަމީލް ދީދީ

މި މިސްކިތުގެ ނަން ނިސްބަތްވާ ޖަމީލް ދީދީ އަކީ ރާއްޖޭގެ ދީނީ ކަންކަމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.  ތަފާތު ގިނަ ފޮތްތަކެއް ޖަމީލް ދީދީ ލިޔުއްވައިދެއްވިއެވެ. ކުޑަކުދިން ދިވެހި ބަހަށް އަހުލުވެރިވީ "ކުޑަކުދިންގެ ބަގީޗާ" ގެ ނަމުގައި ފޮތެއް ނެރުއްވި އެވެ. ދީނުގެ އެންމެ އަސާސީ ކަންކަން ވެސް މި ޖީލު ދަސްކުރީ އެމަނިކުފާނުގެ "ތައުލީމުއްދިޔާނާ" ފޮތުންނެވެ. އަހުލާގު ދަސްކޮށްދެއްވުމަށް "ދުރޫސުލް އަހުލާގު" ނަމުގައި ފޮތެއް ލިޔުއްވި އެވެ.

މުޙައްމަދު ޖަމީލް މިސްކިތް - ފޮޓޯ: މިހާރު

ރާއްޖޭގައި އެންމެ ފުރަތަމަ ދީނީ ދިރާސާތައް ކުރެވި ޝާއިއުކުރީ އެމަނިކުފާނު ނެރުއްވި މަޖައްލާތަކުގަ އެވެ. ހުކުރު ދުވަހު ނެރުނު "ދީނުގެ މަގު" މަޖައްލާ އަކީ އެމަނިކުފާނުގެ ހިޔާލުފުޅެކެވެ.

އެ މަނިކުފާނުގެ އަޑުފުޅުން ދިވެހިރާއްޖޭގެ އަޑުން 1960ގެ އަހަރުތަކުން ފެށިގެން 2007 އާ ހަމައަށް ގެނެސްދިން ގުރުއާނުގެ ދިވެހި ތަރުޖަމާ އަކީ އެފަދަ ދެވަނައެއް ނެތް ހަދިޔާއެކެވެ. އެ މަނިކުފާނު މާޗު 15، 1989 ގައި އަވަހާރަވި އިރު ދައުލަތަށް 45 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެ އެވެ. މިނިސްޓްރީތަކުގެ ވަޒީރުކަން ކުރެއްވި އަބްދުﷲ ޖަމީލާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި އެހެން އިސް މަގާމުތައް ފުރުއްވި ފާތިމަތު ޖަމީލާއި އިސް މަގާމުތަކެއް ފުރުއްވި ޖާދުﷲ ޖަމީލާއި ރާއްޖޭގެ ފޮރިން މިނިސްޓަރުކަން އެންމެ ގިނަ ދުވަހު ކުރެއްވި މަރުހޫމް ފަތުހުﷲ ޖަމީލާއި ކުރީގެ ހެލްތު މިނިސްޓަރު އައިމިނަތު ޖަމީލަކީ އެ މަނިކިފާނުގެ ބޭފުޅުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ