ޔޫރޮޕާ ލީގު ސެމީ ފައިނަލް ފުރަތަމަ ލެގުގައި ފްރެންކްފާޓް އަދި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރުވިއިރު އާސެނަލް އަދި ވެލެންސިއާ ބައްދަލުކުރި މެޗުން އާސެނަލް މޮޅުވެއްޖެއެވެ.
ފްރެންކްފާޓް އަދި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ.
މެޗުގައި ފެނިގެންދިޔަ ދެލަނޑުވެސް ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފުގައެވެ. 23 ވަނަ މިނަޓްގައި ލޫކާ ޖޮވިޗް ޖަހައިދިން ލަނޑަކާޢެކު ފުރަތަމަ ލީޑު ނެގީ ފްރެންފާޓްއިންނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕެޑްރޯ ޖަހައިދިން ލަނޑަކާއެކު ޗެލްސީވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިމެގު ދެވަނަ ލެގު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސްޓެމްފޯޑް ބުރިޖްގައި ކުޅެވޭއިރު ޗެލްސީއަށް މިވަނީ އަވޭ ގޯލެއްގެ ފައިދާ ލިބިފައެވެ. ދެވަނަ ލެގު 0-0 ގެ ނަތީޖާއަކުން އެއްވަރު ވިއަސް ޗެލްސީއަށް ޔޫރޮޕާލީގު ފައިނަލަށް ދެވޭނެއެވެ.
ޗެލްސީއިން ރޭގެ މެޗު ފައްޓާފައިވަނީ ހަޒާޑު ފުރަތަމަ 11 ގައި ނުހިމަނައެވެ. ލިބުނު ހިލޭޖެހުމަކާއެކު އިތުރު ލަނޑެއްޖަހައި ލީޑުނަގަން ޗެލްސީއަށްވަނީ ރަނުގެ ފުރުޞަތެއް ލިބުނެވެ. ޑޭވިޑް ލުއިޒްގެ މިހިލޭ ޖެހުން އަމާޒުވީ ފްރެންފާޓް ގޯލް ދަނޑިއާއެވެ.
މިމެޗުން އެއްވަރު ޗެލްސީއިންވަނީ 2011-12 ގައި އެތުލެޓިކޯއިން ހެދި ރެކޯޑު މުގުރާލައި ޔޫރޮޕާލީގުގައި ބަލިނުވެ 16 މެޗު ހަމަކޮށްފައެވެ.

ލަކަޒެޓްގެ ދެލަނޑާއެކު އާސެނަލްއިންވަނީ ސެމީގެ ފުރަތަމަ ލެގު އުންމީދާއެކު ނިންމާލާފައެވެ.
މެޗުގެ ފުރަތަ ލަނޑު މެޗުގެ 11 ވަނަ މިނަޓްގައި ޖަހައިދިނީ ވެލެންސިއާގެ ޑިއަޚްބީއެވެ. ޑިއަޚްބީ ބޮލުން ޖަހައިދިން މިލަނޑާއެކު ވެލެންސިއާއަށް ލީޑު ލިބުނުނަމަވެސް މިލީޑުގައި މާގިނައިރު ހިފައްހައްޓާ ލެވޭގޮތެއްނުވިއެވެ. އާސެނަލްގެ ލަކަޒެޓް ކައިރިކައިރީ ޖެހި ދެލަނޑާއެކު މެޗުގެ ނަތީޖާ އަނެއް ކޮޅަށް އެނބުރުނެވެ. ހެޓްރިކް ހަދާނެ ރަނގަޅު ދެފުރުޞަތެއް ލަކަޒެޓަށް ލިބިފައިވީނަމަވެސް ލަކަޒެޓްގެ ހަމަލާތައް ވެލެންސިއާގެ ކީޕަރު ނެޓީވަނީ ދިފާޢުކޮށްފައެވެ.
3-1 ގެ ނަތީޖާއަކުން ނިމުނު މެޗުގައި އާސެނަލްއިން ޖެހި ފަހު ލަނޑު އޮބަމަޔާން ޖަހައިދިނީ މެޗުގެ 90 ވަނަ މިނަޓްގައެވެ. ހިތްގައިމު ވޮލީއަކުން ޖެހި މިލަނޑާއެކު އާސެނަލް މެޗު ނިންމާލީ ދެލަނޑު ތަފާތުގައި އޮވެގެންނެވެ.
ދެވަނަ ލެގު އުނދަގޫވާނެކަން އިނގި ފުރަތަމަ ލެގުން ބޭނުންވީ ރަނގަޅު ނަތީޖާއެއް ނެރެންކަމަށާއި ފުރަތަމަ ހާފުގައިޖެހި ދެލަނޑާއެކު އެއިތުބާރު ލިބުނުކަމަށް އާސެނަލްގެ ކޯޗު އުނައި މެޗަށްފަހު ބުންޏެވެ. އަދި އާސެނަލްގެ ތިންވަނަ ލަނޑަކީ ވަރަށް މުހިންމު ލަނޑެކަމަށް އުނައި ބުނެފައިވާއިރު އަދިވެސް މެޗު 50-50 ކަމަށް ބުންޏެވެ.
މިމެޗުގެ ދެވަނަ ލެގު އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅެވޭނީ ވެލެންސިއާ ދަނޑުގައެވެ.



