ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސަންއަށް ކޮރޯނާވައިރަސް (ކޮވިޑް19) ޖެހުނު ޙަބަރު ވެގެންގޮސްފައިވަނީ، އޭނަގެ ފޭނުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ޝޮކަކަށެވެ. އެހެންނަމަވެސް މި ދެމަފިރިން މިހާރު މި ބަލިން ރަނގަޅުވެ ހޮސްޕިޓަލުން ގެޔަށް ދޫކޮށްލިތާ މިހާރު ކުޑަދުވަސްކޮޅެއް ވެފައެވެ. އަދި ދާދިފަހުން މި ދެމަފިރިން ވަނީ، އެމީހުންގެ ލޭ ކޮވިޑް-19 އަށް ވެކްސިން އެއް އުފެއްދުމަށް ހަދާ ރިސާޗަށް އެހީވުމުގެ ގޮތުން ހަދިޔާކުރަން ނިއްމާފައިވާކަން ހާމަކޮށްފައެވެ.
އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޓޮމް ބުނީ، ލޭ ހަދިޔާ މި ކުރަނީ، އެއްވެސް ފަރާތަކުން އެކަމަށް އެދުމުން ނޫންކަމަށާއި އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ. އަދި ޓޮމް ބުނީ، ކޮވިޑް-19 އަށް ފުރުވާ ހޯދުމަށް ވެވެން އޮތް އެހީއެއް ދިނުމަށް ތައްޔާރަށް ތިބިކަމަށެވެ.
އުމުރުން 63 އަހަރުގެ މި ދެ ފަންނާނުން ކޮވިޑް-19 އަށް ޕޮސިޓިވް ވީ، އެލްވިސް ޕްރިސްލީގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ ޝޫޓީންގައި އޮސްޓްރޭލިޔާ ގައި އުޅެނިކޮށެވެ. އަދި މި ބަލިން ރަނގަޅުވުމާއެކު، މިދެމަފިރިން މިހާރު ތިބީ ސެލްފް ކަރަންޓީނުގައެވެ.
ކޮވިޑް-19 ގެ ވޭނުގައި ހޭދަކުރި ދުވަސްތައް ޓޮމް އާއި އޭނަގެ އަންހެނުން ސިފަކޮށްފައިވަނީ، ވަރަށް ހިތްދަތި ދުވަސްތަކެއްގެ ގޮތުގައެވެ.
ކާމިޔާބު ފިލްމްތަކެއް ކުޅެފައިވާ ޓޮމް ހެންކްސް ގެ އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ، "ފޮރެސްޓް ގަމްޕް" އެވެ.