3 މެޗުގެ ސަސްޕެންޝަންއަކާއެކު ޔޫރަޕްގެ ރަންބޫޓަށް ވާދަކުރުމުގެ އެމްބާޕޭއަށް ގެއްލިއްޖެއެވެ.
ކޮޕެ ޑި ފްރާންސްގެ ފައިނަލްގައި ދެއްކި ރަތްކާޑާއެކު ތިން މެޗުގެ ސަސްޕެންޝަންއެއް އައިސްފައިވާ އެމްބާޕޭއަށް ސީޒަންގެ ބާކީއޮތް ހަތަރު މެޗުގެ ތެރެއިން ކުޅެވޭނީ އެންމެ މެޗެއްގައެވެ. ލަލީގާގައި ޖަހައިން 34 ލަނޑާއެކު ޔޫރަޕްގެ ރަންބޫޓަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓްގެ އެއްވަނާގައި މެސީއޮތްއިރު ދެވަނާގައި އޮތް އެމްބާޕޭއަށް ލީގު 1 ގައި ޖެހިފައިވަނީ 30 ލަނޑެވެ. ލީގުގައި މެސީއަށް ބާކީ އަދި 3 މެޗު އެބައޮތެވެ.
އެމްބާޕޭގެ މިސަސްޕެންޝާއެކު ޕީއެސްޖީއިން ނީސް، އެންގާސް އަދި ޑިޖޮންއާއި ދެކޮޅަށް ކުޅޭ މެޗުތަކުގައި އެމްބާޕޭއަށް ނުކުޅެވޭނެއެވެ. މެއި 25 ގައި ރެއިމްސް އާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުން އެމްބާޕޭއަށް ފުރުޞަތު ލިބުނުނަމަވެސް ޔޫރަޕުގެ ރަންބޫޓޫ ރޭހުގައި މެސީ ވައްޓާލުން އެމްބާޕޭއަށް އުނދަގޫވާނެއެވެ.
އުމުރުން 20 އަހަރުގެ އެމްބާޕޭއަށް ދެއްކި މިރަތްކާޑު ފެނިގެން ދިޔައީ ކޮޕެ ޑި ފްރާންސްގެ ފައިނަލް މެޗުގެ އިތުރު ވަގުތުގައި ރެނެސްގެ ޑަމިއެން ޑަ ސިލްވާއަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

2 މެއިގައި ބޭއްވުނު ބައްދަލުވުމަށްފަހު ކޮޕެ ޑި ފްރާންސްގެ ފައިނަލްގައި ހިނގާދިޔަ ހާދިސާ ފެޑެރަލް ޑިސިޕްލިން ކޮމިޝައިންއިން ބެލުމަށްފަހު 3 މެޗަށް ކީލިއަން އެމްބާޕޭ ސަސްޕެންޑްކޮށްފައިވާކަމަށް ފްރާންސް ފުޓްބޯލް ފެޑެރޭޝަންއިން ނެރުނު ނޫސްބަޔާނުގައިވެއެވެ.
އެމެޗުގައި ނޭމާއާއި ސަޕޯޓަރަކާ ދެމެދުވެސްވަނީ ހަމަނުޖެހުންތަކެއް ހިނގާފައެވެ. އެހާދިސާވެސް ތަޙުޤީގުކުރަމުން އަންނަކަމަށް އެފެޑެރޭޝައިން ބުނެއެވެ.
ކޮޕެ ޑި ފްރާންސްގެ ފައިނަލްގައި ރެނެސް އަތުން ޕީއެސްޖީ ބަލިވީ ޕެނަލްޓީޖަހައިގެންނެވެ. 2-2 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގެ ޕެނަލްޓީއިން ރެނެސް ކުރިހޯދީ 6-5 ގެ ނަތީޖާއަކުންނެވެ.




