އެންމެ ކުޑަ އުޖޫރައާއެކު ސަރުކާރުގެ ވަޒީފާއަށްއެދޭ ވަރު މަދުވެ، މާލެ ތޮއްޖެހުން ކުޑަވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ އަޑުތައް ގަދަވެފައިވާ ދަނޑިވަޅުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ ސިޔާސަތުން ކާމިޔާބުވަނީ އެންމެ މަޤްޞަދެއް ނޫން ކަމަށެވެ.
ނަޝީދު ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ޤާނޫނަކުން ކަނޑައެޅުމުން ބިދޭސީ މަސައްކަތްތެރިންގެ އަގު ބޮޑުވެ، ދިވެހިންނަށް ވަޒީފާ އިތުރުވުވާނެ ކަމަށާއި، އެއާއެކު ސަރުކާރު ވަޒީފާއަށް އެދޭވަރު މަދުވެ، ސަރުކާރަށް ޚަރަދު ކުޑަވާނެ ކަމަށެވެ.
"[އެންމެ ކުޑަ އުޖޫރައާއެކު] އެހެން ސަރަހައްދުތަކުގައި ވަޒީފާ އިތުރުވެ މާލެ ތޮއްޖެހުން ކުޑަވާނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވިއިރު، މާލެ ތޮއްޖެހުމާއި، ބިދޭސީ މަސައްކަތެރިން ގިނަވެ ދިވެހިންނަށް ވަޒީފާ ނުލިބުމަކީ ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ދެ މައްސަލައެވެ.
Enmekuda ujoora kan’daelhumuge siyaasath in kaamiyabvanee enme maqsadhehnoon.Ekamun bidheysi masaiykaiytherin aguboduve Dhivehinnah vazeefa ithuruvane;Sarukaaru vazeefa ah edheyvaru madhuve kharadh kudavane;Ehen sarahadhuthakuga vazeefa ithuruve Male’ thohjehun kudavane #Agenda19
— Mohamed Nasheed (@MohamedNasheed) May 3, 2019
ވަޒީފާއަދާ ފަރާތްތަކުގެ މެދުގައި މުސާރާއިގެ ބޮޑެތި ފަރަގުތަކެއް އޮތްއިރު މިފަރުތައް ނައްތާލާ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުމަކީ މިހާރުގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙްގެ ރިޔާސީ ވަޢުދެކެވެ.
އެޖެންޑާ 19 ގައިވެސް ހިމެނިފައިވާ މިކަން ކަނޑައެޅުމަށް ސަރުކާރަށް ހުރަސް އެޅޭނެ އެއްވެސް ސަބަބެއް މިހާރަކު ނެތެވެ. މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން 65 ގޮނޑިއާއެކު މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އަތުގައެވެ.