ދިވެހި ނޫސްވެރިންނަށް ތަމްރީނާއި، ތަރުބިއްޔަތު ދިނުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައިފިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި ޕީއެންސީ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގައި ނޫސްވެރިން ކުރައްވަނީ މަސްއޫލިއްޔަތު ބޮޑު، ވަރަށް ބުރަ މަސައްކަތެއް ކަމަށާއި، އެ ޒިންމާ އަދާކުރެއްވުމުގައި ޒިންމާދާރުކަމާއެކު ކުރިއަށް ދިއުމަށް ނޫސްވެރިންނަށް ހިތްވަރުދެއްވާ ކަމަށެވެ.
ޕީއެންސީ އިން ވިދާޅުވީ، ޓެކްނޮލޮޖީގެ ފަހިކަމާއެކު ރާއްޖޭގައި ނޫސްވެރިކަން ފުޅާވަމުންދާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ. އަދި ނޫސްވެރިކަމުގެ ދާއިރާއަށް ނިކުންނަ ފަރާތްތަކުގެ އަދަދުވެސް އިހުނަށްވުރެ އިތުރުވެފައިވާކަން ޕީއެންސީ އިން ފާހަގަކުރެއެވެ.
"ޒިންމާދާރުކަމާއެކު ޚަބަރާއި، މަޢުލޫމާތު ފެތުރުމުގައި ފުރިހަމަ ވަސީލަތްތަކާއި ތަމްރީނުގެ މުހިންމުކަން ބޮޑު. އެހެންކަމުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ނޫސްވެރިކަމުގެ ތަމްރީނާއި، ތަރުބިއްޔަތު ދިނުމަކީ އިސްކަމެއްގެ ގޮތުގައި ހެއްދެވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަން." ޕީއެންސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ޑޮމޮކްރަސީގެ ހަތަރުވަނަ ބާރަކީ ނޫސްވެރިކަން ކަމަށާއި، ޅަފަތުގައި އޮތް ރާއްޖޭގެ ޑޮމޮކްރަސީ ނިޒާމް ފުރިހަމަ ގޮތުގައި ބައްޓަންކޮށް ކުރިއަށް ގެންދިއުމަށްޓަކައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު ކަމަށާއި، އެ ޒިންމާ ފުރިހަމަ ގޮތުގައި އަދާކުރެވޭނީ ފާރަވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްގެން ކަމަށްވެސް ޕީއެންސީ އިން ވިދާޅުވިއެވެ.
"ޒިންމާދާރު ނޫސްވެރިކަމަކީ މި އަސާސްތަކުގެ ތެރެއިން ރައްޔިތުންނަށް ދެފުށްފެންނަ ތެދު މަޢުލޫމާތު ގެނެސްދިނުން. ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްޤު އެންމެ ހެޔޮގޮތުގައި ހިފުމަށް ހުރިހާ ނޫސްވެރިންނަށް ގޮވާލަން." ޕީއެންސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.



