ފައިނަލުގައި 1-6 އިން ކްލަބް ވެމްކޯ ބަލިކޮށް، ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ދެ ވަނަ ފަހަރަށް ޔުނައިޓެޑް ބީއެމްއެލް ހޯދައިފިއެވެ. މީގެ ކުރިން އެޓީމުން މި މުބާރާތް ކާމިޔާބުކުރީ އެމްއާރުޑީސީ ބަލިކޮށް 2016 ވަނަ އަހަރުއެވެ.
މިރޭގެ ފައިނަލް މެޗަށް ދެޓީމު ނުކުތްއިރު ވެމްކޯ ފައިނަލަށް ގެންގޮސްދިނުމުގައި ޑިފެންސުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ގައްސާން ލަބީބް (ހުސީ) ހުރީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައެވެ. ހުސީގެ މަގާމް މެޗުގައި އަދާކުރީ މިދިޔަ އަހަރު މާޒިޔާ ސްޕޯޓްސް ކްލަބަށް ކުޅުނު މިޑްފީލްޑަރު އަހުމަދު ހަސަން (އައްމަޑޭ) އެވެ.
މިރޭގެ މެޗުގައި ބީއެމްއެލް އިން ޖެހި ހަ ގޯލުގެ ތެރެއިން އަލީ ހާފިޒް (ހާއްޕެ) ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދައިފައެވެ. ހާއްޕެ ވަނީ ބީއެމްއެލް ފައިނަލަށް ގެންގޮސްދިން މެޗުގައިވެސް އުރީދޫ ކޮޅަށް ހެޓްރިކް ހަދައިފައެވެ.
މިއަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އެޓީމު ހޯދީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. މުބާރާތުގައި ކުޅުނު ކޮންމެ މެޗެއްގައި އެޓީމު ވަނީ މަދުވެގެން ތިން ގޯލު ޖަހައިފައެވެ.
ފައިނަލް މެޗަށްފަހު މުބާރާތުގެ މަގާމްތައް ހޯދި ކުޅުންތެރިންނަށް ވަނީ އިނާމު ހަވާލުކޮށްފައެވެ. މުބާރާތުގެ ފެއާޕްލޭ ކުޅުންތެރިޔާގެ މަގާމް ބީއެމްއެލްގެ ސިނާ ހޯދިއިރު 25 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމް ހޯދީ އުރީދޫ ޓީމުގެ މުހައްމަދު ރިޝްފާން އެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ކުއާޓާ ފައިނަލުން ކެޓި ޕްރިޒަން ކްލަބް ހޮވުނުއިރު އެންމެ މޮޅު ކޯޗަކަށް ހޮވުނީ 2016 ވަނަ އަހަރުވެސް ބީއެމްއެލް އަށް ތަށި ހޯދައިދިން ކޯޗު އިސްމާއީލް އަނިލް އެވެ. 16 ގޯލާއެކު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ވެމްކޯގެ ޝާކާ އަށެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ ބީއެމްއެލްގެ ސައްޓު އާއި އެޓީމުގެ ހާއްޕެ އަދި ކީޕަރު ޝަފީއުގެ އިތުރުން ކްލަބް ވެމްކޯގެ ޝާކާ އާއި ގަބޭ އެވެ. މުބާރާތުގެ ކިންގް އޮފް ފުޓްސަލް އަށް ހޮވުނީ ބީއެމްއެލް އަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ހާއްޕެ އެވެ.
32 ޓީމާއެކު ކުޅުނު ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތް މިރޭ ނިމުނުއިރު 30/18 ވިމެންސް ފުޓްސަލް ފިއެސްޓާ ރޭ ވަނީ ނިމިފައެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ.