އެހީގެ ގޮތުގައި ޗައިނާއިން ފޮނުވި ގިނަ އަދަދެއްގެ ތަކެތި މިއަދު ލިބިއްޖެ

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުގެ ގޮތުން އެހީގެ ގޮތުގައި ޗައިނާއިން ފޮނުވި ގިނަ އަދަދެއްގެ ތަކެތި މިއަދު ލިބިއްޖެއެވެ.

ޗައިނާގެ ސަރުކާރު ހިމެނޭހެން އެޤައުމުގެ 9 ފަރާތަކުން ރާއްޖެއަށް ހަދިޔާކުރި ސާމާނު މިއަދު ރާއްޖެ ގެނެސްފައިވާއިރު، މިތަކެތި ހިފައިގެން ރާއްޖެއަށް ދަތުރުކުރި ޗައިނާގެ ސުޕަރނާ އެއާލައިންސްގެ ޗާޓަރު ފްލައިޓެކެވެ. މިފްލައިޓް މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްވަނީ ޖައްސާފައެވެ.

ޗައިނާއިން ގެނައި ބައެއް ތަކެތި:

  • 10 ވެންޓިލޭޓަރު
  • ޑިސްޕޯސަބުލް ޕްރޮޓެކްޓިވް މާސްކް (20،9080)
  • އެން 95 ޕްރޮޓެކްޓިވް 11،500 މާސްކް
  • ކޭއެން 95 ޕްރޮޓެކްޓިވް 20،000 މާސްކް
  • އިންފްރާރެޑް ތާމޯމީޓަރު (50)
  • ގޮގުލް (500)
  • ފަރުވާދޭ 20 އެނދު
  • ޓެސްޓިން ކިޓް 10،000)

މިތަކެތި ރާއްޖެއަށް ހަދިޔާކޮށްފައި ވަނީ ޗައިނާގެ ސަރުކަރުގެ އިތުރުން، އެޤައުމުގެ އަލީބާބާ ފައުންޑޭޝަން، ޗައިނާ މާޝެންޓްސް ޕޯޓް ގްރޫޕް، ޗައިނާ މެޝިނަރީ އިންޖިނޭރިންގް ކޯޕަރޭޝަން، ބެއިޖިން އާބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، ޑޮންގްފެންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން، ޗައިނާ ހާބަރ އިންޖިނިއަރިންގް ކޮމްޕެނީ، ވާވޭ ޓެކްނޮލޮޖީސް އަދި ޗައިނާގެ ޕީޕަލްސް ގަވާމެންޓް އޮފް ޒުއާންގްސީ އޮޓޯނޮމަސް ރީޖަން ގެ ފަރާތުންނެވެ.

ޗައިނާ އިން ގެނައި މި އެހީއާ ގުޅޭ ގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނެރުއްވި ބަޔާނެއްގަަައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އިންސާނީ އަދި އިގުތިސާދީ ގޮންޖެހުމުގައި އެކުވެރި ޗައިނާ އިން ވެދެމުންދާ ދީލަތި އެހީތެރިކަމަށްޓަކައި އެ ގައުމުގެ ސަރުކާރާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޗައިނާގެ ރައީސް ޝީޖިންޕިން އާއި ފޮރިން މިނިސްޓަރު ވާންޔީ ރާއްޖޭގެ ހާލަތު ދެނެވަޑައިގެން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ ކަމަށް ވެސް ބަޔާނުގައި ޝާހިދު ވިދާޅުވެފައި ވެއެވެ.

އެހީގެ ތަކެތި ރާއްޖެއާ ހިސާބަށް ގެނައުމަށް ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ޖާންލިޖޮން ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާ އޭނާއަށް ވެސް ޝާހިދު ޝުކުރު އަދާ ކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ