ކޮވިޑް-19 އާއި ގުޅިގެން ގިނަ ގައުމުތައް ލޮކްޑައުންގެ ހާލަތައް ގެނެސްފައިވާއިރު، ދުނިޔޭގެ ގިނަ ބަޔަކު މިއަދު ތިބީ އެމީހުންގެ އަމިއްލަ ގޭގައި ބަންދުވެފައެވެ. އަދި ބައެއްމީހުން ހުރީ އެމީހުންގެ އާއިލާއާއި ރައްޓެހިންނާއި ދުރުގައެވެ. އަދި މިކަމުގެ ސަބަބުން ގެއިންބޭރަށް ގޮސް ކުޅިވަރުކުޅުމާއި މަޖާކުރުމަށް ވެސް ވަނީ ހުރަސްއެޅިފައެވެ. އެހެންކަމުން ގިނަ މީހުން އެމީހުންގެ ދުވަސްތައް ގޭގައި ހޭދަކުރަނީ ފޫހިކަމާއެކުއެވެ.
އެހެންނަމަވެސް، ހަމަ މި ދަނޑިވަޅުގައި ލޮކްޑައުންއަށް ހާއްސަކޮށް އެކިކަހަަލަ ގޭމް އެޕްލިކޭޝަންތައް އަންނަނީ ތައާރަފްވަމުންނެވެ. ބޭނުމަކީ، ގޭގައި ތިބެގެން ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދަދިނުމެވެ. އޭގެ ތެރެއިންވެސް މިވަގުތު ދުނިޔޭގެ ގިނަ ބަޔަަކު ބޭނުންކުރާ އެންމެ މަޤުބޫލް ގޭޟް އެޕްލިކޭޝަންއަކީ، "ޕްލޭޓޯ"އެވެ. މި ލޮކްޑައުންގައޮ މި ގޭމް އެޕްލިކޭޝަން ގެ ފޯރި ވައިގައި ހިފާ މިހާރު ވަނީ ވަރަށް ބޮޑަށް މަޤުބޫލުވެފައެވެ.
"ޕްލޭޓޯ" ގޭމް އެޕްލިކޭޝަންއަކީ، 2014 ވަނަ އަހަރު ލޯންޗުކުރި އެޕެކެވެ. އެހެންނަމަވެސް އޭރު މި އެޕަށް ގިނަބަޔެއްގެ ސަމާލުކަން ނުހުއްޓުނުކަމުގައިވިޔަސް، ލޮކްޑައުންއާއި ގުޅިގެން ކުއްލިއަށް މި އެޕްލިކޭޝަން މި ވަނީ ވައިގައި ހިފާފައެވެ.
އެތައް ބަޔަކާއެކު އެއްފަހަރާ އެކިކަލަ ގޭމް ކުޅެވޭ މި އެޕްލިކޭޝަންގެ އެންމެ ހާއްސައެއްކަމަކީ، ގޭމް ކުޅޭ ވަގުތުގައިވެސް އެކަކު އަނެކަކާ ޗެޓް ކުރެވުމެވެ. އެހެންކަމުން މި އެޕްލިކޭޝަން އަކީ މި ދަނޑިވަޅު ރައްޓެހިންނާއެކު ވަގުތު ހޭދަކޮށްލަން އޮތް އެންމެ މަޖާ އޮންލައިން ޕްލެޓްފޯމެވެ.
ޓީނޭޖް ކުދިންނަށް ހާއްސަ މި އެޕްލިކޭޝަން އަކީ، ބެލެނިވެރިންގެ ހުއްދައާއެކު ކުޑަކުދިންނަށްވެސް ކުޅުން އެކަށީގެންވާ ގޭމްތަކެއް އެކުލެވޭ އެޕްލިކޭޝަންއެއްކަން ފާހަގަކޮށްލެވެއެވެ. މި އެޕްލިކޭޝަންގައި 40 ވުރެ ގިނަ ގޭމް އެކުލެވޭއިރު، މިއީ އާއްމުކޮށް އެންމެންވެސް ދަންނަ ގޭމްތަކެކެވެ. އެގޮތުން މި އެޕްލިކޭޝަންގައި، ފުޓްބޯޅަ، ބާސްކެޓްބޯޅަ، މޮނޮޕޮލީ، ޕޫލް ޓޭބަލް އަދި ތާސް ވެސް ހިމެނެއެވެ.
ދިވެހިންގެ މެދުގައިވެސް މި ގޭމް އެޕްލިކޭޝަން މިހާރު ވަރަށް ބޮޑަށް މަޤުބޫލުވެފައިވާއިރު، މި އެޕްލިކޭޝަން މެދުވެރިކޮށް އެކި ގައުމުތަކުގެ މީހުންނާއިވެސް ބައްދަލުވެވޭނެއެވެ. މީގެ އިތުރުން، ކުރިއަށް އޮތްތާގައި މި އެޕްލިކޭޝަންއަށް ތަފާތު އިތުރު ގޭމްތައް އަންނާނެއެވެ.
މި އެޕްލިކޭޝަން ބޭނުންކުރުމަށް އީމެއިލް، ފޯނު ނަންބަރު، އަދި ފޭސްބުކް އެކައުންޓްވެސް އެއްވެސް މައުލޫމާތެއް ބޭނުމެއްނުވާނެއެވެ. އެހެންކަމުން، މިއީ ބޭނުންކުރުމަށް ރައްކާތެރި އެޕްލިކޭޝަންއެއް ގޮތުގައި ފާހަގަކޮށްލެވެއެވެ.



