ސަލާޙްއަށް އަނިޔާވެފައި - ފޮޓޯ: ލިވަޕޫލް އެކޯ

އީޕީއެލް – ލިވަޕޫލަށް މުހިންމު މޮޅެއް، ސަލާޙަށް ބާސާ މެޗުގައި ނުކުޅެވިދާނެކަމުގެ ބިރު

ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް އަދި ލިވަޕޫލް ބައްދަލުކުރި މެޗުން މޮޅުވެ ލިވަޕޫލް ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލިވަޕޫލްގެ ފޯވާޑް މުޙައްމަދު ސަލާޙްއަށް އަނިޔާވެ ޗެމްޕިއަންސް ލީގު ސެމީފައިނަލްގެ ދެވަނަ ލެގުގައި އަންގާރަ ދުވަހުގެ ރޭ ބާސާއާއި ދެކޮޅަށް ނިކުން މެޗުގައި ނުކުޅެވިދާނެކަމުގެ ބިރު ހީވެއްޖެއެވެ.

ސަލާޙްގެ ހާލު ރަނގަޅުކަމަށާއި އެހެންނަމަވެސް ސަލާޙްގެ ބޮލުގައި ބާރަށް ޖެހިފައިވުމުން ވަކިއެއްޗެއް ޔަޤީންވާނީ ޑޮކްޓަރު ރިޕޯޓަށްފަހުގައި ކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕް ބުންޏެވެ. އަނެއްކޮޅުން ފުރަތަމަ ލެގުގައި ލިބުނު އަނިޔާއާއި ގުޅިގެން ލިވަޕޫލްގެ ފިރްމީނޯއަށްވެސް ޗެމްޕިއަންސް ލީގުގެ ދެވަނަ ލެގުގައި ނުކުޅެވޭނެއެވެ.

މެޗުގެ 73 ވަނަ މިނަޓްގައި ނިއުކާސަލްގެ ގޯލްކީޕަރު މާޓިންއާއި ދެމީހުންޖެހި ސަލާޙްގެ ބޮލަށްވަނީ އަނިޔާވެފައެވެ. ދަނޑުމަތީ ފަރުވާދިނުމަށްފަހު އަށިގަނޑުގައި ސަލާޙްވަނީ ދަނޑުންބާލާފައެވެ. މިހާދިސާގައި ސަލާޙްގެ ހޭނުނެތޭކަމަށާއި ލިވަޕޫލް މޮޅުވި ލަނޑު ޑްރެސިން ރޫމްގައި ހުރެ ސަލާޙް ބެލިކަމަށް ލިވަޕޫލްގެ ކޯޗު ކްލޮޕްވަނީ ބުނެފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މިހަފްތާގައި މިސީޒަންގެ ޕްރިމިއާ ލީގު އެންމެ މޮޅުކުޅުންތެރިޔާގެ އެވޯޑް ޙާސިލްކުރި ވެންޑާއިކްގެ ފަރާތުންނެވެ. 13 ވަނަ މިނަޓްގައި ވެންޑައިކް މިލަނޑު ކާމިޔާބުކޮށްދިނީ އާނޯލްޑްގެ ހިލޭޖެހުމަކުން އޭރިއާތެރޭ ހުހަށްހުރެއެވެ. ނަމަވެސް އޭގެ 7 މިނަޓްފަހުން ނިއުކާސަލްގެ ކްރިސްޓިއަން އަޓްސު ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިވަޕޫލްއިން އިތުރު ލަނޑެއްޖަހައި ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ސަލާޙްއެވެ. ސަލާޙް މިސީޒަންގައި ލިވަޕޫލަށް 26 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ދެވަނަ ހާފް ފަށައި މާގިނައިރު ތަކެއްނުވެ ނިއުކާސަލްއިން އަނެއްކާވެސް ލިވަޕޫލް ހާސްކޮށްލިއެވެ. ސަލޮމޮން ރޮންޑޮން 54 ވަނަ މިނަޓްގައި ޖަހައިދިން ލަނޑާއެކު އަނެއްކާވެސް ނިއުކާސަލްއިން ނަތީޖާ ހަމަހަމަކުރިއެވެ.

ލިވަޕޫލް މޮޅުވި ލަނޑަކީ މުޙައްމަދު ސަލާޙް އަނިޔާވުމާއި ގުޅިގެން ބަދަލުގައި ކުޅެން ނިކުތް ޑިވޮކް އޮރިގީ ކާމިޔާބުކޮށްދިން ލަނޑެކެވެ. ޝަގީރީގެ ހިލޭޖެހުމަކުން 86 ވަނަ މިނަޓްގައި އޮރިގީ މިލަނޑު ކާމިޔާނުކޮށްދިނީ ބޮލުންނެވެ.

ލިވަޕޫލް މޮޅުވި ލަނޑުޖަހައިދިން ޑިވޮކް އޮރިގީ - ފޮޓޯ: ލިވަޕޫލް އެފްސީ

މިމޮޅާއެކު ލިވާޕޫލަށް ތާވަލުގެ އެއްވަނަ ލިބެނީ ސިޓީއަށްވުރެ އެއްމެޗު އިތުރަށްކުޅެ ލިބުނު 94 ޕޮއިންޓާއެކުގައެވެ. ލިވަޕޫލަށް ލީގުގައި ބާކީދެންއޮތީ އެންމެ މެޗެކެވެ. ވޯލްވްސްއާ ބައްދަލުކުރާ މިމެޗު އޮންނާނީ މިމަހުގެ 12 ވަނަ ދުވަހުގެރެއެވެ. ސިޓީއަށް ލީގުގައި ބާކީ އަދި ދެމެޗު އޮތްއިރު މާދާމާރޭ ލެއިސެސްޓާއާ ބައްދަލުކުރާ މެޗުން މޮޅުވެ ލިވަޕޫލްގެ މައްޗަށް ކުރި ހޯދުމުގެ ފުރުޞަތު ލިވަޕޫލަށް އެބައޮތެވެ. ސިޓީ ދަނޑުގައި ކުޅެވޭ މިމެޗެ ފެށޭނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

ސިޓީގެ ފަހު މެޗު މިހުގެ 12 ވަނަ ދުވަހުގެ ރޭ ބްރައިޓަންއާ ދެކޮޅަށް ކުޅެވޭއިރު ޕްރިމިއާ ލީގު ކާމިޔާބުކުރާ ޓީމެއް އެނގިދެންދާނީ އެދުވަހު ލިވަޕޫލް އާއި ވޯލްވްސް އަދި ބްރައިޓަން އާއި ސިޓީ ބައްދަލުކުރާމެޗުގެ ނަތީޖާއަށްފަހުގައެވެ. އެރޭ ކުޅެވިގެންދާނީ ލީގުގެވެސް އެންމެ ފަހު މެޗެވެ. އެރޭ ލީގު ހުރިހާޓީމެއްގެވެސް މެޗު ކުޅެވޭއިރު ހުރިހާ މެޗެއްވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 07:00 ގައެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް