ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާ އެއްކޮށް އެއްޓީމަކަށް ކުޅުމަކީ ފަސޭޙަކަމެއް ނޫންކަމަށް ބާސެލޯނާއަށް ކުރިން ކުޅުނު އާޖެންޓީނާގެ ތަރި ހާވިއާރ ސަވިއޯލާ ބުނެފިއެވެ.
އާޖެންޓީނާގެ ޒުވާން ފޯވާޑު ލަޓާރޯ މާޓިނޭޒް އިންޓަރ ދޫކޮށް ބާސެލޯނާއަށް ދާން އުޅޭ ވާހަކައާއި ގުޅިގެން ސަވިއޯލާ ބުނީ، މެސީއާއެކު ކުޅެން ފަސޭޙަވާނެކަމަށް ހީކުރެވުނަސް އަސްލުއެއީ ވަރަށް އުދަނގޫ ކަމެއްކަމަށެވެ. އެގޮތުން މެސީއާއެކު ކުޅެން އުނދަގޫކަން އާޖެންޓީނާގެ ޕައުލޯ ޑިބާލާވެސް ހާމަކޮށްފައިވާކަމަށާއި އެކަމުގައި ޑިބާލާއަށް ތާޢީދުކުރާކަމަށްވެސް ސަވިއޯލާ ބުންޏެވެ.
ސަވިއޯލާ ބުނީ މެސީއަކީ ވަރަށް މަތީ ލެވެލްއެއްގެ ކުޅުންތެރިއެއްކަމަށާއި، އޭނާއާއެކު ކުޅެވޭނީ ގޭމްގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިގެންކަމަށެވެ. ޓީމު ކުޅޭ ގޮތްގަނޑު ރަނގަޅަށް އެނގެންޖެހޭކަމަށާއި، ރަނގަޅު ވަގުތުގައި ހުސްވާން އެނގެންޖެހޭނެކަމަށެވެ.
މީގެއިތުރުން ސަވިއޯލާ މާޓިނޭޒްއަށް ތަޢުރީފުކޮށް ވާހަކަ ދައްކާފައިވާއިރު، މާޓިނޭޒްއަކީ ހަމައެކަނި ލަނޑު ޖަހާ ކުޅުންތެރިންއެއް ނޫންކަމަށާއި، އިދިކޮޅު ޓީމުގެ ޑިފެންސް ފޫއަޅުވާލުމަށްފަހު ވަނުމުގެ ހުނަރުވެސް މާޓީނޭޒްގައި ހުރިކަމަށް ސަވިއޯލާ ބުންޏެވެ. މާޓިނޭޒްގެ ފަރާތުން ހިތްގައިމު ރީތި ކުޅުމެއް ފެންނަކަމަށާއި، ބާސެލޯނާގެ ފުރަތަމަ 11 އިން ފުރުޞަތެއް މާޓިނޭޒަށް ހޯދިދާނެކަމަށްވެސް އޭނާ ބުންޏެވެ.
މާޓިނޭޒް އިންޓަރމިލާންއާއެކު މިހާރު ހަދާފައިވާ އެއްބަސް ނިމުމަކަށް އަންނާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. އެހެންކަމުން ބާސެލޯނާއިށް މާޓިނޭޒް ގެންދެވޭނީ ރިލީޒް ކްލޯސްގެ ގޮތުގައި 111 މިލިއަން ޔޫރޯ ޚަރަދުކޮށްގެންނެވެ. ކްލަބުތަކަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެ، މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފައިވާ މިދަނޑިވަޅުގައި، ބާސެލޯނާއަށް އެވަރުގެ ބޮޑު ޚަރަދެއް ނުކޮށް ބަދަލުގައި ކުޅުންތެރިން އިންޓަރއަށް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.





ހިޔާލު
މެސީ ބަހީ މަސްބާނަން ދާން