ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އެޑިސަން ކަވާނީއަށް ސްޕެއިން އެތުލެޓިކޯ މެޑްރިޑުން އަހަރަކު 6 މިލިއަން ޔޫރޯގެ މުސާރައެއް ހުށަހަޅައިފިއެވެ.
7 އަހަރު ޕީއެސްޖީގައި ދަކުރުމަށްފަހު ކަވާނީ އެކްލަބު ދޫކޮށްލަން އުޅޭކަމަށް އަޑުތައް ފެތުރެމުންދާއިރު، ކަވާނީ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ޖޫންމަހުގެ ނިޔަލަށް ހަމަވާނެއެވެ.
މިއަހަރުގެ ޖެނުއަރީއިން ފެށިގެން ކަވާނީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އެތުލެޓިކޯއިން ހުށަހަޅަނީ ދެ އަހަރުގެ އެއްބަސްވުމެއްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ. ރިޕޯރޓްތައް ބުނާ ގޮތުން ކަވާނީއަށް މުސާރައިގެ ގޮތުގައި މަހަކު 6 މިލިއަން ޔޫރޯ ދޭން އެތުލެޓިކޯ އޮތީ ތައްޔާރަށެވެ.
އުމުރުން 33 އަހަރުގެ ކަވާނީ އާއި އެތުލެޓިކޯއާއި ދެމެދު އަމިއްލަ އެއްބަސްވުމަކަށް އައިސްފައިވާކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
އެތުލެޓިކޯގެ އިތުރުން މެންޗެސްޓާރު ޔުނައިޓެޑާއި ނިއުކާސަލްއިންވެސް އަންނަނީ ކަވާނީއަށް ފާރަލަމުންނެވެ.
ޖެނުއަރީމަހު ކަވާނީ ހޯދުމަށްކުރި މަސައްކަތް ނާކާމިޔާބުވެފައިވާތީ، މިފަހަރު ޓްރާންސްފާގައި ކޮންމެ ގޮތެއް ހަދައިގެންނަމަވެސް ކަވާނީ ހޯދުމަށް އެތުލެޓިކޯއިން އޮތީ ތައްޔާރަށްކަމަށް ރިޕޯރޓްތައްބުނެއެވެ. ރަނގަޅު ސްޓަރިކަރެއް ހޯދުމުގެ މަސައްކަތް އެތުލެޓިކޯއިން ކުރަމުން އަންނަތާ މިހާރުވަނީ ދުވަސްތަކެއްވެފައެވެ. އެގޮތުން ކަވާނީއަކީ އެތުލެޓިކޯ ބޭނުންވާފަދަ ގޯލް ޖެހުމުގެ ހުނަރުހުރި ހަލުވި ކުޅުންތެރިއެކެވެ.
ކަވާނީ ފްރާންސްގައި ހޭދަކުރި 7 ސީޒަންގައި 19 ތައްޓެއް ކާމިޔާބުކޮށްފައިވާއިރު، ކަވާނީވަނީ ޕީއެސްޖީގެ ތާރީޚުގައިވެސް އެކްލަބަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. ކަވާނީވަނީ ޕީއެސްޖީއަށް ކުޅެދިން 300 މެޗުން 200 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.



