ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ލޮކްޑައުންކޮށްފައިވާއިރު، ގިނަ އާއިލާތައް މިވަގުތު ތިބީ ގޭގައެވެ. ލޮކްޑައުންގެ ފުރަތަމަ 14 ނިއްމާ މިހާރު ދެވަނަ 14އަށް އަޅާފައިވާއިރު، ބޭނުންއިރަކު އާއިލާއާއެކު ވަގުތު ހޭދަކުރަން ފުރުސަތު މިއޮތީ ލިބިފައެވެ. އެހެންކަމުން ފިރިމީހާ އަބަދު ގެއިން ބޭރުގައި އުޅޭތީ ޝަކުވާ ކުރި އަނބިންވެސް މިހާރު ހުންނާނީ ވަރަށް އުފަލުންތާއެވެ. އެހެންނަމަވެސް އަބަދު އަންހެނުން ގާތު ހުންނަން ޖެހުމުން، ފިރިހެން ވެރިން އެކަމާއި އުނދަގޫވެގެން އުޅޭ ވާހަކައަކީ، މަޖަލަކަށް ހަދައިގެން ނަމަވެސް ދައްކާ ހަޤީގަތެއް ބާއެވެ.؟
ފިރިހެނުން ކޮފީ މޭޒުތަކުގައި ގިނަ ވަގުތުތައް ހޭދަކުރާލެއް ގިނަ ވެގެން އެކަމުގެ ޝަކުވާ ކުރި އަންހެނުން މިހާރު އެ ޝަކުވާއެއް ނުކުރާނެތާއެވެ. އެެހެންނަމަވެސް ގޭގައި އިނދެ ފޫހިވެގެން ފިރިމީހާއަށް އެކަމުގެ ވަރު ބާލާ އުނދަގޫ ކުރާ ވާހަކައަކީ، މި ދުވަސްކޮޅު ދުނިޔޭގެ އެހެންތަންތާގައިވެސް ދައްކާ ވާހަކައެކެވެ.
މަޖަލަކަށް ހަދައިގެންނަމަވެސް އެވާހަކަ ސޯޝަލް މީޑިއާތަކުގައި އެކިމީހުން ދައްކާއިރު، ހަމަ އަސްލުގައިވެސް އަނބިމީހާއާއެކު އެއްގެއެއްގައި ލޮކްޑައުންގައި ހުންނަން ޖެހުމުން މޮޔަ ހިތައްއަރާފައި ހުރި ފިރިހެނުންވެސް މަދެއް ނުވާނެއެވެ. ފިރިންވެސް ގޭގައި އިނދެ ފޫހިވެގެން، ޕަބްޖީ އާއި އެހެން ގޭމްތައް ކުޅެން ފެށުމުން އެކަމާއި ރުޅިއައިސް އެއްޗެހި ގޮވަނީއެވެ. ދަރިން ނުބަލައިގެން އެކަމުގެ ޝަކުވާވެސް ކުރަނީއެވެ. ފިރިމީހާއަށް އަބަދު ކޮފީ ގިރައިދެން ޖެހުމުން އެކަމާވެސް ހަޅޭއްލަވަނީއެވެ.
ކޮންމެއަކަސް، ފަހަރުގައި މިއީ މިވަގުތު ބައެއް ފިރިންގެ ހާލަތުކަމުގައިވެސް ވެދާނެއެވެ. އެހެންނަމަވެސް، މިއީ މާ ބޮޑު މައްސަލައެއް ކަމުގައި ނުދެކެމާ ހިނގާށެވެ. ދެމަފިރިއެއްވެއްޖިއާ އަބަދުވެސް މިކަހަލަ ކަންތައްތައް ހިނގާނެއެވެ. މިއީވެސް ރޮމޭންޓިކް ގުޅުމެއް ނުވަތަ އަނބިމީހާ ފިރިމީހާދެކެ ވާ ލޯތްބެއްގެ ވައްތަރެއްކަމުގައިވެސް ވެދާނެއެވެ.
ހަޤީގަތަކީ، އަންހެނުންނަކީ، އަބަދުވެސް އާއިލީ ޒިއްމާ އެންމެ ފުރިހަމައަށް ނަގާ ފަރާތެވެ. ދުވާލު ހަތަރު ދަމު އަންހެނުންނާއި ފިރިމީހާގެ ޒިއްމާތައް ހީވާގިކަމާއެކު ނަގައެވެ. އެހެންކަމުން މިފަދަ ކުދި ކުދި ޝަކުވާ ކޮށްލުމަކުން އަދި އެއީ މާ ބޮޑު މައްސަލައެއްވެސް ނޫންތާއެވެ.
މި ދުވަސްވަރު ލޯބިވާ އާއިލާއާއެކު، ދުވަހަކުވެސް ހަނދާނުން ނުފިލާވަރުގެ ވަގުތަކެއް ހޭދަކޮށް އުފާ ހޯދަމާތޯއެވެ!.





2 Responses
އާ ވަރަށް ބޮޑު
އާ ބޮޑު ނުފޮރޮއްޕާނެއް