ރޯވެ އަނދަމުންދާ އަބްކޯ ޓަވަރުގައި ދިވެހިން ތިބިތޯ ބަލަނީ

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގައި ހުންނަ އަބްކޯ ޓަވަރުގައި މިރޭ ރޯވެ އަނދަމުންދާ އަލިފާނާއި ގުޅިގެން އެއްވެސް ދިވެއްސަކަށް ގެއްލުން ވެފައިވޭތޯ އެގައުމުގައި ހުންނަ ދިވެހި އެމްބަސީއިން ބަލަން ފަށައިފިއެވެ.

ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން މިރޭ ކުރި ޓުވީޓެއްގައި ބުނެފައިވަނީ، މިހާދިސާގެ ސަބަބުން އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިވޭތޯ ބަލަމުންދާ ކަމަށެވެ.

މި ޓަވަރަކީ 40 ބުރީގެ ރެސިޑެންސް ޓަވަރެކެވެ. އަދި މި ޓަވަރުގައި އަލިފާން ރޯވެފައިވަނީ ޔޫއޭއީ ގަޑިން މިރޭ9:40 ހާއިރެވެ. މިހާދިސާއާއި ގުޅިގެން އަދި އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ މައުލޫމާތު ލިބިފައި ނުވާއިރު ޓަވަރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއްވެސް ނޭންގެއެވެ.

އަލިފާން ނިއްވާ ފަރާތްތަކުން ޓަވަރުގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު ރޯވެފައިވާ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި ޑްރޯން ބޭނުން ކޮށްގެން އިމާރާތުގެ ތެރޭގައި އެއްވެސް މީހަކު ތާށިވެފައިވޭތޯ ބެލުމުގެ މަސައްކަތްވެސް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

އަލިފާނުގެ ހާދިސާގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ލިބުނު ކަމުގެ ރިޕޯޓް އަދި ލިބިފައެއް ނުވާއިރު މިހާދިސާގެ ސަބަބުން އިމާރާތައްވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
311652
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ