މިއީ އާއްމުކޮށް އަންހެންކުދިން ފޫހިވެގެން ވަރަށް ގިނައިން ކުރާކަމެކެވެ. ހާއްސަކޮށް ބުރުގައި އަޅާފައި ހުންނަ އަންހެންކުދިން އެއްވެސް ވިސްނުމެއް ނެތި ފޫހިވާ ވަގުތުތަކުގައި ހަމަ ހުރެލާފާ ކަތުރުން އިސްތަށިގަނޑު ކޮށާލަނީއެވެ. އެހެންކަމުން މި ދުވަސްވަރު ހުރިހާ ވަގުތެއް ގޭގައި ކުރާނެ ކަމެއް ނެތި ތިބެން ޖެހުމުން ގިނަ އަންހެންކުދިން މިކަމާއި ވިސްނާނެތާއެވެ.
އާއްމުކޮށް ދިގު އިސްތަށިގަނޑެއް އޮތްނަމަ، މި ދުވަސްވަރު މިއީ އިސްތަށިގަނޑު ކުރުކޮށްލަންވީ ވަގުތުކަމަށް ގިނަ މީހުން ބުނެއެވެ. އެގޮތުން ސޯޝަލް މީޑިއާ ތެރޭގައިވެސް އިސްތަށިގަނޑު ކޮށާލުމާމެދު މަޝްވަރާކޮށް ރައްޓެހިންގާތު އިރުޝާދަކަށް އެދިފައި ހުންނަތައް މި ދުވަސްވަރު ވަރަށް ގިނައިން ފެނެއެވެ.
އެހެންނަމަވެސް، މިގޮތަށް ފޫހިވެ ގޭގައި ކުރާނެ ކަމެއް ނެތުމުން، ހަމަ ހުރެފައި އިސްތަށިގަނޑު ކޮށާލުމަކީ، އެންމެ ރަނގަޅު ގޮތް ހެއްޔެވެ؟ މިގޮތަށް އިސްތަށިގަނޑު އަމިއްލައަށް ކޮށާލައި ކޮށުނުގޮތް ހަޑިވުމުން ފަހުން އެކަމާއި ރޯންޖެހޭ ފަހަރުވެސް ބައެއް ކުދިންނަށް ކުރިމަތިވެފައި އެބައްހުއްޓެވެ.
އާއްމުކޮށް ފިރިހެންކުދިން، އިސްތަށިގަނޑު ދިގު ކުރަން ބޭނުންވިޔަސް، މި ދުވަސްވަރު އަންހެންކުދިންނެކޭ އެއްފަދައިން ބައެއް ފިރިހެންކުދިންވެސް އިސްތަށިގަނޑު ކުރުކޮށްލާ ނުވަތަ ބޯ ތަލަކޮށްލުމުގެ ހިޔާލު ގެންގުޅެއެވެ. ކުރާނެ އިތުރު ކަމެއް ނެތުމުން ނުވަތަ ގިނަ ދުވަސްތަކެއް ގޭގައި ތިބެން ޖެހުމުން މިއީ ބޮލަށްވެސް ފަސޭހަވާނެ ކަމެއްގޮތުގައި ދެކެއެވެ. މީހަކަށް ފަރި ދައްކަން ބޭރަށް ނުކުންނާކަށް ނުޖެހޭނެއެވެ. އެހެންނޫނަސް އަދި ލޮކްޑައުން ނިމެން ދުވަސްތަކެއް އޮތުމުން އިސްތަށިގަނޑު ކޮށާލުމަށްފަހު ދިގުވެސް ކުރެވޭނެއެވެ.
ކޮންމެއަކަސް، އިސްތަށިގަނޑު ކޮށާލުމުގެ ހިޔާލު ގެންގުޅޭނެމަ ވަރަށް ބޮޑަށް ވިސްނުމަށްފަހު އެކަން ކުރާށެވެ. އަދި އެކަން އަމިއްލައަށް ކުރުމުގެ ބަދަލުގައި ގޭގައި އުޅޭ އެހެންމީހެއް ލައްވާ އެކަން ކުރުން ބުއްދިވެރިއެވެ.