އިންޑިއާގެ 9 ސިޓީއެއްގައި ތިބި 200 ދިވެހިން އަންނަ ހަފްތާގައި ރާއްޖެއަށް ގެންނާނެ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާގެ 9 ސިޓީއެއް ކަމަށްވާ ޕަންޖާބް، ކަލްކަތާ، ގުރްގުއާން، ރިޝިކޭޝް، ދިއްލީ، ވެއްލޫރު، ޗެންނާނީ، ޓްރިވެންޑްރަމް، ކޮޗިން ގައި ތިބި 200 ދިވެހިން މިއަންނަ ހަފްތާގައި ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވާކަމަށެވެ.
ފޮރިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އެމީހުން ގެނައުމަށް ހަމަޖެހިފައިވަނީ މޯލްޑިވިއަންގެ ޗާޓަރު ފްލައިޓެއްގައި ކަމަށެވެ. ފްލައިޓް ދަތުރުކުރާނީ މާލެ އިން ދިއްލީ އަށް އަދި ދިއްލީ އިން ޓްރިވެންޑްރަމުން މީހުން ނަގައިގެން މާލެ އަށް ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ފްލައިޓް ޖައްސާ 2 ސިޓީ ނޫން އެހެން ސިޓީތަކުގައި ތިބި ދިވެހިން، ފްލައިޓް ޖައްސާ ސިޓީތަކަށް ގެންދިޔުމުގައި ދިއްލީގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ޓްރިވެންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް ޖެނެރަލް އިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް މިނިސްޓްރީން ވިދީޅުވިއެވެ.
މި ފްލައިޓްގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ފްލައިޓް ކެންސަލްވި ފަރާތްތަކާ، ބޮޑެތި ބަލިތަކަށް ފަރުވާކުރުމަށް އިންޑިއާއަށް ދަތުރުކޮށް، ލޮކްޑައުންގެ ސަބަބުން ފަރުވާ ހުއްޓިފައިވާ ފަރާތްތަކާއި، ރިޕަޓްރިއޭޝަން ފްލައިޓްތަކުގައި އައުމަށް އެއަރޕޯޓްތަކަށް ދިޔުމަށް ދަތި ދުރު ހިސާބުތަކުގައި ތިބި ދިވެހިންނާއި، ކުރު މުއްދަތުގެ ވިސާގައި އިންޑިއާގައި ތިބި ދިވެހިން އަންނާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
މި ފްލައިޓްއިން ދަތުރުކުރާ ފަރާތްތަކުން އަންނާނީ އަމިއްލަ އަށް ޓިކެޓް ގަނެގެން ކަމަށާއި ޓިކެޓިންގެ މަސައްކަތް ކުރިއަށްގެންދާނީ މޯލްޑިވިއަން އިން ކަމަށް މިނިސްޓްރީން ދެންނެވިއެވެ. މި ފްލައިޓްގައި އަންނަ އެންމެންވެސް 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރެވޭނެ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް އިންޑިއާއަށް މިފަދަ ފްލައިޓްތައް ބާއްވާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ. ނަމަވެސް ހާލަތާ ގުޅޭ ގޮތުން ބަދަލުތަކެއް އައުން އެކަށީގެންވާކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.




