ރާއްޖޭގައި މިވަގުތު ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެ މީހުންގެ ޤައުމަށް ގެންދިޔުމަށް ސްރީލަންކަން އެއަރލައިންސްގެ ފްލައިޓެއް އަންނަ އާދިއްތަ ދުވަހު ފުރުމަށް ހަމަޖެހިފައިވާ ކަމުގައި ޓޫރިޒަމް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.
މެއި 10 ވާ އާދުއްތަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރުމަށް ވަނީ ހަމަޖެހިފައިވަނީ ސްރީލަންކަން އެއަރލައިންސް ފްލައިޓް 102 ޔޫއައި އެވެ.
މި ފްލައިޓުން ފުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިޔުމުގައި އަމަލުކުރަންވީ ގޮތް ވަރަށް ތަފްޞީލުކޮށް ޓޫރިޒަމް މިނިސްޓްރީން 06 މޭ 2020 ގައި ނެރެފައިވާ ސަރކިއުލަރ ގައި ބަޔާންކޮށްފައިވާނެ ކަމުގައި އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން، ޓޫރިސްޓް ފެސިލިޓީތަކުގައި ތިބި ފަތުރުވެރިންނާއި ބިދޭސީ މުވައްޒަފުން އަދި އެހެނިހެން ފަސިންޖަރުން އެ ސަރކިއުލަރ އާއި އެއްގޮތްވާގޮތުގެ މަތިން ޓޫރިޒަމް މިނިސްޓްރީއާއި މިނިސްޓްރީ އޮފް ފޮރިންއެފެއާޒް އަދި ޓޫރިސްޓް ޕޮލިސްއާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އަރޕޯޓަށް ދިއުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ދަންނަވާފައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހި ރާއްޖޭ ހިމެނޭ ގޮތަށް ގިނަ ޤައުމުތައް ލޮކްޑައުން ކޮށްފައިވާ އިރު، ޤައުމުން ބޭރުގައި ހުރި ފަރާތްތައް އެ ޤައުމުތަކަށް ގެންދިއުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.



