ކޮވިޑް-19: ބާސެލޯނާ ހުރިހާ ކުޅުންތެރިންގެވެސް ނަތީޖާ ނެގެޓިވް

ސްޕެއިންގެ އެފްސީ ބާސެލޯނާއިން ކޮވިޑް-19 އަށް ޓެސްޓްކުރި ހުރިހާ ކުޅުންތެރިންނާއި ސްޓާފުންގެ ނަތީޖާ ނެގެޓިވް ވެއްޖެއެވެ.

ރިޕޯރޓްތައް ބުނާގޮތުން ބާސެލޯނާއިން ޓެސްޓުނުކޮށް މިހާރު ހުރީ އަނިޔާގައިހުރި އޮސްމާން ޑެމްބެލޭއެވެ. އޭނާގެ ޓެސްޓް އަންނަ ހޯމަ ދުވަހު ހަދާނެކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ސްޕެއިންގެ ފުޓްބޯޅަ އަލުން ފެއްޓުމަށް ތައްޔާރުވަމުން އަންނައިރު، އެޤައުމުގެ އެންމެމަތީ ދެލީގުގެ ކުޅުންތެރިން އެކުޅުންތެރިންވަނީ އެކުޅުންތެރިންގެ ކްލަބުތަކުގެ ޓްރެއިނިންގ ފެސިލިޓީތަކަށްގޮސް ކޮވިޑް-19 އަށް ޓެސްޓްކުރަން ފަށާފައެވެ.

ސްޕެއިނުން ކުރާ އުންމީދަކީ މިހަފްތާ ބަންދުގައި ކްލަބުތަކުގެ ފަރިތަކުރުންތައް ފެށުމެވެ.

ސްޕެނިޝް ލަލީގާގައި ކުޅޭ ހުރިހާ ކުޅުންތެރިން ކޮވިޑް-19 އަށް ޓެސްޓް ކުރަން ނިންމާފައިވާއިރު، ލަލީގާއިން ކުޅުންތެރިންގެ ތިން ޓެސްޓެއް ހެދުމަށްވަނީ ނިންމާފައެވެ. ފުރަތަމަ ހަދާނީ ޕީސީއާރު ޓެސްޓެކެވެ. އަދި އެއަށްފަހު ފަރިތަކުރުންތައް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިންގެ އެންޓިބޮޑީ ޓެސްޓެއްވެސް ހެދުމަށް ލަލީގާއިން ނިންމާފައިވާއިރު، ލީގު އަލުން ފެއްޓުމުގެ ކުރިން ތިންވަނަ ޓެސްޓެއްވެސް ހަދަންވަނީ ނިންމާފައެވެ.

އެގޮތުން ލަލީގާގައިން އެލީގުގައި ކުޅޭ 20 ކްލަބުގެ ކުޅުންތެރިންނާއި ކްލަބުތަކުގެ ސްޓާފުން ހިމެނޭގޮތަށް 2000 ހެއްހާ ޓެސްޓް ހަދަން ޖެހޭނެކަމަށް ހާމަކޮށްފައިވެއެވެ. މީގެތެރެއިން ބައެއް ސާމްޕަލްތައް ޕޮޒިޓިވްވާނެކަމަށް ލަލީގާއިން ލަފާކޮށްފައިވާއިރު، އެއަދަދު ހުރީ 25 ހާއި 30 ހާއި ދެމެދުގައެވެ.

ސްޕެއިންގެ ފުޓްބޯޅަ އޮތޯރިޓީގެ އުންމީދަކީ އަންނަމަހު އެޤައުމުގެ ލީގުތައް އަލުން ފެށުމެވެ.

މިދިޔަ މާޗްމަހުގެ 13 ވަނަ ދުވަހުން ފެށިގެން ސްޕެއިންގައި ސިއްޙީ ކުއްލި ޙާލަތު އިޢުލާންކޮށްފައިވާއިރު، ޤައުމު އޮތީ ލޮކްޑައުންގައެވެ. ގިނަ ކަންތައްތައްތަކެއް އޮތީ މަނާކޮށްފައެވެ. އެހެންނަމަވެސް ކޮވިޑް-19 ފެތުރުން ސްޕެއިންގައި ކޮންމެވެސް ވަރަކަށް މިހާރުވަނީ މަޑުޖެހިލާފައެވެ. އެހެންކަމުން އެޤައުމުގެ ޕްރައިމް މިނިސްޓަރު ޕެޑްރޯ ސަންޗޭޒްވަނީ ލުއިތަކެއް ދިނުމަށް ނިންމާފައެވެ.

ސްޕެއިނުން މިހާތަނަށް ޖުމްލަ 256000 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، 26000 އަށްވުރެ ގިނަ މީހުން މިވައިރަހުގައި އެގައުމުން މަރުވެފައިވެއެވެ. ދުވާލެއްގެ މައްޗަށް މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރުވަނީ އެޤައުމުގައި 3000 އަށް ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ