ޕްރިމިއާ ލީގުގައި ރޭ ސިޓީ އަދި ލެއިސެސްޓާ ބައްދަލުކުރި މެޗުން މޮޅުވެ ތަށި ދިފާޢުކުރަން ސިޓީން ތައްޔާރުވެއްޖެއެވެ.
އަމިއްލަ ބާރާއެކު ސިޓީ ތާވަލުގެ އެއްވަނާގައި އޮތްއިރު ލިބިފައިވަނީ 95 ޕޮއިންޓެވެ. ލީގުގައި ބާކީ ދެންއޮތީ އެންމެ މެޗެކެވެ. ތަށި ދިފާޢުކުރަން ސިޓީން އެމެޗުން ބޭނުންވަނީ މޮޅެކެވެ. ބްރައިޓަން އާއި ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހުއެވެ. އަންނަ އާދީއްތަ ދުވަހުގެރޭ ކުޅޭ ފަހު މެޗުން ބްރައިޓަން އަތުން މޮޅުވެގެން ސިޓީ އަށް، 10 އަހަރުގެ ތެރޭ އިނގިރޭސި ލީގު ދިފާއުކުރާ ފުރަތަމަ ޓީމުގެ ޝަރަފް ލިބޭނެ އެވެ.
ސިޓީގެ ފަހަތުން 94 ޕޮއިންޓާއެކު ވިއްދާފައި އޮތް ލިވަޕޫލަށް މިފަހަރުގެ ލީގު ތަށި ލިބެން އޮތީ ބްރައިޓަން އަދި ސިޓީ ބައްދަލުކުރާ މެޗުން ސިޓީ ދަށްވެ ނުވަތަ އެއްވަރުވުމާއެކު ލިވަޕޫލް އަދި ވޯލްވްސް ބައްދަލުކުރާ މެޗުން ލިވަޕޫލް މޮޅުވުމުންނެވެ.
ސިޓީ ދަނޑުގައި ރޭ ކުޅެވުނު މެޗުގައި ސީޓިގެ ފަރާތުން ގިނަ ހަމަލާތަކެއްވަނީ ފެނިގެން ގޮސްފައެވެ. ސިޓީން ހުއްޓުމެއްނެތި ހަމަލާތައް އުފަންދަށް މަސައްކަތް ކުރަމުން ދިޔައިރި ލެއިސެސްޓާ ޑިފެންސް ކުރަމުން ދިޔައެވެ. ލެއިސެސްޓާ މަސައްކަތް ކުރަމުން އައީ ކައުންޓާ އެޓޭކްގެ ބޭނުން ހިފޭތޯއެވެ.
ލަނޑު ޖަހާނެ ގިނަ ފުރުޞަތު ތަކެއް ސިޓީއަށްވަނީ ލިބިގެން ގޮސްފައެވެ. އަގުއޭރޯގެ ހަމަލާއެއް ގޯލް ދަނޑިއާ އަމާޒުވިއިރު އެބޯޅަ ދިފާޢުކުރީ ލެއިސެސްޓާގެ ކީޕަރު ޝްމައިކަލްއެވެ. އަގުއޭރޯގެ އިތުރު ހަމަލާއެއްވަނީ ލެއިސެސްޓާގެ ޑިފެންޑަރުން ބްލޮކްކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ. މުޅި މެޗުގައި ހެންވެސް ފެނިގެންދިޔައީ ސިޓީން ހަމަލާ އުފަންދަން މަސައްކަތް ކުރަމުން ދާތަނެވެ. ލެއިސެސްޓާގެ ޑިފެންސް ލައިނުން ސިޓީގެ މިހުރިހާ މަސައްކަތެއް ހުއްޓުވަމުން ދިޔައިރު އިތުރަށް ހަމަލާތައް ވަރުގަދަ ކުރުމުގެ ގޮތުން ދެވަނަ ހާފުގައި ސިޓީން ސާނޭ ކުޅެން ނެރުނެވެ.

0-1 ގެ ނަތީޖާއަކުން ނިމުނު މިމެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސިޓީގެ ކެޕްޓަން ވިންސެންޓް ކޮމްޕެނީއެވެ. މެޗުގެ 70 ވަނަ މިނަޓްގައި ފެނިގެން މިލަނޑު ކޮމްޕެނީ ޖަހާފައިވަނީ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހޫނު ހަމަލާއަކުންނެވެ.
މެޗުގެ ފަހު މިނަޓްކޮޅުގެ ތެރޭގައި ނަތީޖާ ހަމަހަމަކޮށްލަން ރަނުގެ ފުރުޞަތެއް ލެއިސެސްޓާއަށް ލިބިގެންދިޔައެވެ. އެހެން ނަމަވެސް ކެލެޗީ އިހެނާޗޯ އަށް ލިބުނ ބޯޅަ ފޮނުވާލީ ގޯލާ މާދުރުންނެވެ.
ޕްރިމިއާ ލީގުގެ ފަހު މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހުގެ ރޭއެވެ. ހުރިހާ މެޗެއްވެސް އެއްގަޑީގައި ކުޅުމަށް ހަމަޖެހިފައިވާއިރު މެޗުތަށް ފަށާނީ ރާއްޖެ ގަޑިން 07:00 ގައެވެ.